މާލޭގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މާލޭގެ ފެން ހިންދުމުގެ ނިޒާމެއް ގާއިމުކުރުމުގެ ސާވޭއަށް ހިޔާލު ހޯދުން މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް https://docs.google.com/forms/d/e/1FAIpQLSdiQ14WWFOxdlKr2gRetEifx7ewtQoSR9Ym_qXINRqNwuLv3w/viewform މެދުވެރިކޮށް ހިޔާލު ހުށަހެޅެން ހުންނާނެ ކަމަށެވެ.

އެ ސާވޭއަކީ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު ގާއިމުކޮށްފައިވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއަށް ހިޔާލު ހޯދަން ބާއްވާ ސާވޭއެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އާންމުންގެ ހިޔާލު ހޯދަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް ފޯރާނެ އަސަރު ބެލުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މަގުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެންނެވެ. އެ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެއް ކަމަށްވެސް ބުންޏެވެ.

މަޝްރޫއުގެ ދަށުން ހޮޅިތައް އެޅުމަށް ހަމަޖެހިފައިވަނީ ތިން މަހާއި ހަތަރު މަސް ދުވަހުގެ މުއްދަތަށް މާފަންނާއި ހެންވޭރުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.