ވިލިމާލޭ ޕާކެއްގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލިކަން ސާބިތުވެ، މަރަން ހުކުމްކޮށްފައިވާ ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފަށް މިރުޒާގެ ހުރިހާ ވާރިސުން މައާފުދީފައިވާތީ، އޭނާގެ މައްޗަށް މަރުގެ ދައުވާ ސާބިތުވި ނަމަވެސް މަރުގެ އަދަބުން އޭނާ ސަލާމަތްވެއްޖެއެވެ.
މިރުޒާ މަރައިލީ 2011 ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
އޭނާ މަރައިލިކަން ސާބިތުވެ ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފް މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކުރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔަ އިރު، މިރުޒާގެ ބައްޕަ ހިމެނޭގޮތުން އޭނާގެ ވާރިސުން އެދިފައިވަނީ އޭނާގެ މަރުގެ ބަދަލުގައި، ނަޒީފްއަށް މަރުގެ އަދަބު ދިނުމަށެވެ.
ނަމަވެސް އެ މައްސަލަ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ކުރިއަށްދިޔަ އިރު، އެފަރާތްތަކުން ސުޕްރީމް ކޯޓުގައި ވަނީ ނަޒީފަށް މައާފުދީފައެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޒީފްގެ މައްޗަށް މިރުޒާ މެރުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ތާއީދު ކުރެއްވި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔެވެ.
އެހެންކަމުން ހުކުމްކޮށްފައި ވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް ނަޒީފުގެ މައްޗަށް ކަނޑައެޅުމުން، އޭނާގެ މެރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވީ ނަމަވެސް، އޭނާގެ ވާރިސުން ސުޕްރީމް ކޯޓަށް ހާޒިރުވެ ނަޒީފަށް ގިސާސް ހިފުމަށް ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ހާކިމަށް ލިބިދީފައިވާ ބާރުގެ ދަށުން މި މައްސަލައިގައި ނަޒީފްގެ މައްޗަށް ތައުރީޒީ ކަނޑައަޅައި، އަދަބުގެ މިންވަރު ކަނޑައެޅުމަށް އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވުމަށް ހުކުމް ކުރިއެވެ.
އެ މައްސަލައިގެ ހުކުމްގައި ހިޔާލު ފަތާތުވި، ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔުގައި ވަނީ މައްސަލައިގެ ހެކިންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން، މިރުޒާގެ ބޮލުގައި ލަކުޑި ބުރިން ޖެހީ ކާކުކަން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށްވެސް ހުކުމްގައިވެއެވެ. އަދި ނަޒީފް އެ އަމަލު ހިންގީ މިރުޒާ މަރާލުމުގެ ނިޔަތުގައި ކަން އެނގެން ނެތުމުން އޭނާ ކުރި އަމަލަކީ އިންސާނެއްގެ ފުރާނަ އަށް ފަރުވާލެއް ނެތި ހިންގި އަމަލަކަށް ވާތީ އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ކުރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށްވެސް އެ ރައުޔުގައި ވެއެވެ.