ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައިވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ދ. ކުޑަހުވަދޫ ފިރިހެނަކަށް އެރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާވެސް ހަރަދުކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓަރީކުރަން ނިންމާފައި ވަނިކޮށް ކައިވެނި ރޫޅުނު ނަމަވެސް ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް އެ ގެއިން ބައެއް ދޭން އެދުމުން އެކަމަށް ފިރިހެން މީހާ އެއްބަސްވެފައި ނުވާތީ އަންހެން މީހާ ކުރި ދައުވާގައެވެ.
އެ ދައުވާގައި އަންހެން މީހާ އެދިފައިވަނީ، އެ ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައި ކޯޓުންވެސް އަންހެން މީހާއަށް ނާކާމިޔާބު ވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް ހުންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ކައިވެނީގައި އަނބިމީހާއަށް ހަރަދުކޮށް ބެލެހެއްޓުން ކީރިތި ގުރުއާނުގައި ފިރިމީހާއަށް މަތިކޮށްފައި އޮންނަ ކަމަށާއި އެކަމަކު ދެމަފިރިން އެކަކު އަނެކަކަށް ހަރަދު ކުރުމަކީ އިސްލާމީ ޝަރީއަތް މަނާކުރާ ކަމެއް ނޫން ކަމަށެވެ.
ހުކުމުގައި ފަނޑިޔާރު ވިދާޅުވީ، އެ ގޯތި ދޫކުރުމުގެ އުސޫލަށް ބަލާއިރު، ގޯތި ފިރިހެން މީހާއަށް ލިބިފައިވަނީ އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭތީ ކަމަށެވެ. އެހެންކަމުން ފިރިހެން މީހާއަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ފިރިހެން މީހާ ބުނެފައިވާ ގޮތުގައި ގެ އަޅަން ބޭންކުން ނެގި ލޯނަށް އަންހެން މީހާވެސް ފައިސާ ދެއްކިއެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއްކަން ނޭނގޭ ކަމަށާއި އަންހެން މީހާ ކުރި ހަރަދަކީ އަނބުރާ ދައްކާ ގޮތަށް ކުރި ހަރަދެއް ނޫން ކަމަށެވެ. ނަމަވެސް އަންހެން މީހާ ވަނީ އޭނާ ކުރި ހަރަދުތައް ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅައިފައެވެ.
ފަނޑިޔާރު ވަނީ، އަނބިމިހާ ފިރިމީހާއަށް ކުރި ހޭދަ އެއީ ތަބައްރުއު (ހަދިޔާ/ސަދަގާތް) ފަދަ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދިން އެއްޗެއްކަމަށް ފިރިހެން މީހާ ބުނި ނަމަވެސް އެކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އަންހެން މީހާ ހަރަދުކޮށްފައިވާކަން އެނގޭއިރު އެ ހަރަދު ނުލިބިއްޖެނަމަ، އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި ތާރީހާއި ހަމައަށް މި މައްސަލައިގައި ވާހަކަދެކެވޭ އިމާރާތަށް ބަލައި އެ އިމާރާތް އަގުކޮށް، އަގުގެ ދެބައިކުޅަ އެއްބައި އަހުމަދު މޫސާގެ ފަރާތުން ސަފޫރާ ނާފިއު މޫސާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި އެބައިި ލިބިދިނުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރުމަށް ޓަކައި ދިވެހި ރާއްޖޭގެ ހައި ކޯޓަށް ތަހުވީލުކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފިން" މައްސަލައިގެ ގަޒިއްޔާ ނިންމާލައްވަމުން މަހާޒް ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.