އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމާއި ހާބަރު ޕޭވްމެންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

އެމަސައްކަތް ކުރިއަށް ދާ ގޮތް ހިއްސާ ކުރަމުން މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ މަސައްކަތްވެސް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓިސީސީ އާއި ހަވާލު ކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. އެމްޓީސީސީން ބުނީ މިއީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 484 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,640 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުންވެސް ހިމެނެ އެވެ.