ޚަބަރު

ކަސްޓަމަރުންނަށްދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބީއެމްއެލް އިން އޭއައި ބޮޓެއް ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓެންޓެއް ތައާރަފުކޮށްފި އެވެ.

ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް "އާޔާ" ތައާރަފުކުރީ މިއަދު އެވެ. އާޔާ އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ބޭންކުގެ ކަސްޓަމާ ސާވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފާ ކޮށްލެވޭނެއެވެ.

އާޔާ ތައާރަފުކުރުމަށް ބީއެމްއެލްގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށާއި އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައި ވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، އާޔާ މެދުވެރިކޮށް ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމަށް ކާލް ވިދާޅުވި އެވެ.

"ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން" ކާލް ވިދާޅުވި އެވެ.

ކާލް އިތުރަށް ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން 2022 ވަނަ އަހަރު ބޭންކުގެ ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅައިބަލާއިރު ގާތްގަނޑަކަށް 40 ޕަސެންޓު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ބޭންކުގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައިވާ ކަމަށާއި އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ ހިދުމަތް ފޯރުކޮށްދޭ އިދާރާއަށް އެ ބޭންކު ވާއިރު، ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސެލްފް ސާވިސް ބޭންކިންގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް މިއަދު ފޯރުކޮށްދެމުންދާ ކަމަށާއި، ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބޭނެ ގޮތް ހަމަޖެހުމުގެ އިތުރުން ކިއުގައި މަޑުކުރަން ބޭނުންނުވާ ކަސްޓަމަރަށް ގުޅުމަށް އެދި އަދި ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅުމަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.