މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދާރުލް އީމާން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވީއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހަމަދު މުސްތަފާއެވެ.
މިކަމާއި ގުޅިގެން އެއެމްއެމްސީގެ ރައީސް، މުސްތަފާ ވިދާޅުވީ، މޯލްޑިވިއަންއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ތިންވަނަ ކުންފުނި ކަމަށެވެ. އެކަމަށް ޓަކައި މޯލްޑިވިއަންގެ އިސްވެރިންނަށް މުސްތަފާ ޝުކުރު އަދާކުރެއްވިއެވެ. މީޑިއާގެ ކުރިއެރުމަށް މޯލްޑިވިއަން އިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ހަ ސްކޫލެއްގައި ހިންގައި، 140 އަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައިވާ ކަމަށް އެމްއެމްސީން މައުލޫމާތު ދެ އެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.
މި ޕްރޮގްރާމުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު