ޚަބަރު

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ: ލިޔުމުން ޖަވާބުދާރީވުމަށް ފޮނުއްވާފައިވާތީ، ގޮތެއް ނިންމުމަށް ޖަލްސާ މެދުކަނޑާލައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، އެޖެންޑާގައި އޮތް އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލައާބެހޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިތުބާރުނެތްކަމުގެ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ، އެކަމަށް ދެގަޑިއިރުގެ ބަހުސެއްކޮށް، ބަހުސް ފެށުމުގެ ގޮތުން މައްސަލައަށް ޖަވާބުދާރީވާން، އޭޖީއަށް 10 މިނިޓް، ބަހުސްގެ މެދުތެރެއިން 10 މިނިޓް އަދި ބަހުސް ނިންމުމުގެ ގޮތުން 10 މިނިޓްގެ ފުރުސަތެއް ދިނުމަށް ކަމަށެވެ. ދެން ބާކީއޮތް އެއްގަޑިއިރާއި ތިރީސް މިނިޓު މެންބަރުން ބަހުސް ކުރުމަށް ދިނުމަށެވެ.

ނަމަވެސް އޭޖީ މަޖިލީހަށް ވަޑައިގެންނެވުމުގެ ބަދަލުގައި، ލިޔުމުން ޖަވާބު ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައި އާއްމު ކޮމިޓީގެ ނިންމާފައި އޮތް އިޖުރާއަތަކީ ވަޒީރު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ނިންމައިގެން ކަނޑައަޅާފައިވާ އިޖުރާއަތެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ވަޒީރު މަޖިލީހަށް ހާޒިރު ނުވެ، ލިޔުމުން ޖަވާބުދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަކީވެސް ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މަޖިލިސް މެންބަރުންގެ މެދުގައި ސުވާލު އުފެދުނީ އެ މައްސަލައިގައެވެ.

ލިޔުމުން ޖަވާބު ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އިދިކޮޅު ހައްދަވައި، އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އޭޖީއަށް ފުރުސަތު ދިނުމާބެހޭ ނިންމުން ނިންމި އާއްމު ކޮމިޓީގެ އޭރުގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، އެ މައްސަލަ އާއްމު ކޮމިޓީން ނިންމާފައި ވަނީ އޭޖީ މި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާއިރު އަމަލު ކުރާނެ އުސޫލެއްގެ ގޮތުގައި ކަމަށެވެ.

"އާއްމު ކޮމިޓީން ނިންމާފައެއް ނެތް ޖަވާބުދާރީވުމަށް ލިޔުމުން ހުށަހެޅުއްވީމާ، އެލިޔުން އިއްވާނެ ގޮތަކާބެހޭގޮތުން އެއްވެސް ނިންމުމެއް، އަޅުގަނޑު ހިތުން އަމީން އާއްމު މެދުވެރިކޮށް މަޖިލިސް ރައީސް ތި އިއްވަން އުޅުއްވާ، (ލިޔުމުން ފޮނުވާފައިވާ) އޭޖީގެ ޖަވާބު އިއްވާނެ ވަގުތެއް އަލުން އާއްމު ކޮމިޓީން ނިންމައިގެން ނޫނީ ކުރިއަށް ގެންދެވިދާނެ ކަމަކަށް ނުފެނޭ،"

އެ ނިޒާމީ މައްސަލަ ބަލައިގަންނަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް އިދާރާއާ މަޝްވަރާކުރައްވާނެ ކަމަށާއި، "އެއްވެސް ހާލެއްގައި ވަޒީރަށް ލިބިވަޑައިގަންނަވާ ފުރުސަތުތައް ހަނިވާ ގޮތަށް މި މައްސަލަ ކުރިއަކަށް ނުގެންދެވޭނެ، ވަޒީރަށް އެނގިވަޑައިގެންފައެއް ނެތް މި މައްސަލަ ހިންގަމުން ގެންދާނެ ގޮތެއް،" ކަމަށެވެ.

އޭޖީ މަޖިލީހަށް ވަޑައިނުގެންވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެކަން ހާމަ ކުރައްވަމުން، އާއްމު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، އެ ކޮމިޓީގައި މަސައްކަތް ކުރާތާ ނުވަވަރަކަށް އަހަރުވީއިރު، "މަސައްކަތް ކުރަމުން އަންނަ ގޮތަކީ، މިނިސްޓަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިއްޖެއްޔާ މިތަނަށް ވަޑައިގަންނަވާ ކަމަށްވަންޏާ އެ ވަގުތު ދޭނޭ ގޮތެއް ނިންމުން،" ކަމަށެވެ.

ނަމަވެސް ވަޒީރު މަޖިލީހަށް ވަޑިައނުގެންފި ހާލަތެއްގައި އަމަލުކޮށްފަ އޮތީ، ޓޭބަލް އޮފީހުން ނިންމާ ގޮތެއްގެމަތިން އަމަލުކުރަމުންގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ޖަވާބުދާރީވާން ލިޔުމުން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދާނެގޮތެއް އާއްމު ކޮމިޓީން ނިންމާފައިނުވާ ކަމަށެވެ.

އެއާ ގުޅިގެން ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްގަނީ އަބުދުލް ހަކީމް ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓާ ގުޅިގެން އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާކަމަށް ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ލިޔުމުން ޖަވާބުދާރީ ވެވިދާނެ ކަމަށް ގާނޫނުއަސީސީން މުތުލަގަށް ނިންމާފައިވާ ނިންމުމާ ހިލާފަށް އާއްމު ކޮމިޓީއަށް ގޮތެއް ނިންމުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށާއި، އޭޖީ މަޖިލީހަށް ހާޒިރުވާ ގޮތަށް އާއްމު ކޮމިޓީން ނިންމާފައިވާ ނިންމުކީ، ގާނޫނުސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ، މިފަދަ ހިޔާލުތަފާތުވާ މައްސަލަތަކުގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާއާއެކު ދާދި އަވަހަށް ގޮތެއް ނިމިދާނެ ކަމަށެވެ. އެގޮތަށް މި މައްސަލައާބެހޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައިގެން މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މެންބަރުންގެ ނިޒާމީ ނުކުތާތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް އާއްމު ކޮމިޓީން ކަމެއް ނިންމާފައިނުވާ ކަމަށާއި، އެ ނިންމުމަކީ ވަޒީރު ޖަވާބުދާރީވާން ޖެހޭނެކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މެންބަރު ޝިފާޒްގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.