ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 72 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، މުޅި މަޝްރޫއުގެ 72 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު އެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓްވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތުގެ 17 ޕަސެންޓް މިހާރު ފުރިހަމަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ސަރުކާރުން މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 34.28 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ގައެވެ.
މި މަޝްރޫއުގެ ދަށުން، 32,721 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުން ހިމެނެއެވެ. އޭގެ އިތުރުން 232 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި ލުމާއި 395 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 202 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1,933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.