ޚަބަރު

ބީއެމްއެލްގެ އޭޓީއޭމްތައް ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގަން ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކަކީ އަވިން އުފައްދާ ހަކަތައިން ހިންގާ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކާލް ވިދާޅުވީ މި އަހަރު އިތުރު 56 އޭޓީއެމެއް ގާއިމުކުރަން ބޭންކުން ނިންމާފައިވާ ކަމަށެވެ. ބީއެމްއެލްގެ އޭޓީއެމްތަކަކީ އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހިންގާ ތަންތަނަށް ހެދުމަށާއި ބޭންކުގެ ބްރާންޗުތަކުގެ މަރާމާތުގެ މަސައްކަތްތަކަކީވެސް ވީހާވެސް ބޮޑަށް ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށް ކާލް ވިދާޅުވި އެވެ.

ކާލް ވިދާޅުވީ ތިމާވެއްޓާ ވީހާ ވެސް ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތްތަކަށް ބޭންކުގެ އޮޕަރޭޝަންތައް ބައްޓަންކުރެވިފައިވާކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަކީ ބީއެމްއެލް އިން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ.

"މި އަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ. އޭޓީއެމްތަކުގެ ހުރިހާ ކަމެއް ސޯލާ ޕެނަލް މެދުވެރިކޮށް އޮޕްރޭޓްރޭޓްކޮށް، އަޅުގަނޑުމެންގެ ބްރާންޗްތަކަށް ކުރާ ހުރިހާ މަރާމާތުތަކަކީ ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތްތެއް ކަން އަޅުގަނޑުމެން ކަށަވަރުކުރަން ޖެހޭ" ކާލް ވިދާޅުވި އެވެ.

ކާލް ވިދާޅުވީ މި އަހަރު އަލަށް ހުޅުވާ އޭޓީއެމްތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ކަނޑައެޅި އެކަމުގެ ލީސް އެގްރީމަންޓުވެސް މިހާރު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކާލް އިތުރަށް ވިދާޅުވީ ބޭންކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސެކިއުރިޓީ ފީޗާތައް މިހާރަށްވުރެ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭންކުން މިހާރު މެނުއަލްކޮށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އޮޓަމޭޓެޑް ގޮތަކަށް ދެވޭނޭ ގޮތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ކާލް ވިދާޅުވި އެވެ.