ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފިއެވެ
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ އިރު، ހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޑާ އެކު ހިއްސާއަކަށް 40 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.
މިއީ ބޭންކުން މިދިޔަ އަހަރު ބީއެމްއެލް އިން ހިއްސާދާރުންނަށް ބެހި އަދަދަށް ވުރެ 44 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ވަނީ ބަހައިފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް މިދިޔަ އަހަރު ފައިދާއެއް ހޯދުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުން މިދިޔަ އަހަރު ކުރި ހީވާގި، ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
ހިއްސާދާރުންނަށް ބަހަން މިރޭ ފާސްކުރި އަދަދާ އެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ބީއެމްއެލްއިން ސަރުކާރަށް އާމްދަނީގެ ގޮތުގައި 625 މިލިއަން ރުފިޔާ މި އަހަރު ލިބޭނެއެވެ.