ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ، ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމަށް ކުރި ދައުވާގެ ހެކިބަސް ނެގުން ނިންމާލައިފިއެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހިންގި ހަރަކާތުގައި ބައިވެރިވި މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަލިމަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ، އަލީމަނިކުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެ ހެކިވެރިޔާއާއި، ދިފާއުން ހުށަހަޅާފައިވާ އެހެން ހެކިންގެ ހެކިބަސްވެސް މިހާރު ނަގަން ބޭނުން ނުވާކަމަށް މި އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވިއެވެ. ތަސްލީމުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސްވެސް މިހާރު ނަގަން ބޭނުން ނުވާކަމަށް އޭނާގެ ދިފާއީ ވަކީލުވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުންވެސް ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރެއިން މިހާރު ހެކިބަސް ނުނެގި ތިބި ސިއްރު ހެކީންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މައްސަލައިގެ ހެކިބަސް ނަގާ ނިމުނީކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ދެން އޮންނާނީ މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.