ނަޕޯލީއަށް މި ސީޒަނުގެ އިޓަލީ ލީގު ކާމިޔާބުކޮށްދިން ލޫސިއާނޯ ސްޕްލެޓީ، އަހަރެއް ދުވަހުގެ ޗުއްޓީއަކަށް ދާން ބޭނުންވެ، އެކަމަށް އެދިފައިވާ ކަމަށް ކްލަބުގެ ރައީސް އޮރެލިއޯ ޑެ ލޮރެންޓީސް ވިދާޅުވެއްޖެއެވެ.

މި ސީޒަނުގެ އިޓަލީ ލީގު ނަޕޯލީ ހޯދީ 33 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. 33 އަހަރު ކުރިން 1990 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާގެ މޭސްތެރިކަމުގައި ލީގު ތަށި ހޯދި ފަހުން ނަޕޯލީއަށް އެ ކާމިޔާބީ ތަކުރާރު ނުކުރެވި އޮތުމަށްފަހު މިފަހަރުގެ ތަށްޓާއެކު މުޅި ސިޓީގައި އަދިވެސް ދަނީ އުފާފާޅުކުރަމުންނެވެ.

އެ ޝަރަފުވެރި ތަށްޓާއެކު ސްޕްލެޓީ ނަޕޯލީގެ އެއްބަސްވުން އާކުރި ނަމަވެސް، ކްލަބުގެ ރައީސް ލޮރެންޓީސް ވިދާޅުވީ ސްޕްލެޓީ އަހަރެއް ދުވަހުގެ "ބްރޭކެއް" ނަގަން އެދިފައިވާ ކަމަށާއި، އޭނާއަށް އެ ބްރޭކް ދޭން އެއްބަސްވާ ކަމަށެވެ.

"ސްޕްލެޓީ އަހަރެން ގާތުގައި ބުނީ ކޯޗިން ސައިކަލްގައި އަންނާނޭ ބްރޭކެއް ނަގަން ޖެހޭ ވަގުތެއް. މިއީ އޭނާއަށް އެވަގުތޭ. ކޮންޓްރެކްޓް އޮތް ނަމަވެސް އަހަރެއްހާ ދުވަހުގެ ބްރޭކެއް ދޭން އަހަރެން ނިންމައިފިން. ސްޕްލެޓީގެ ނިންމުމަށް އަހަރެން އިހުތިރާމް ކުރަން،" ނަޕޯލީގެ ރައީސް ލޮރެންޓީސް ވިދާޅުވިއެވެ.

ނަޕޯލީގެ ކާމިޔާބީއާއެކު އެ ކްލަބުގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ރައީސް ލޮރެންޓީސް ފާހަގަކުރައްވާފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ ސްޓޭޑިއަމްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފުމަށް ކަންކަން ރާވަމުން އަންނަ ކަމަށެވެ.

ޑިއޭގޯ މަރަޑޯނާގެ ނަމުން ނަން ދީފައިވާ ސްޓޭޑިއަމްގައި ހާއްސަ ދާރުލް އާސާރެއް ހަދަން ނަޕޯލީން ތައްޔާރުވެފައިވާ އިރު، ރައީސްގެ ވިސްނުމުގައި ކައިވެނި ހަފުލާތައް ސްޓޭޑިއަމްގައި ބާއްވައި، އިތުރަށް އާމްދަނީ ހޯދުންވެސް ހިމެނެއެވެ.