ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑު ވިއްކާލައިގެންނޭ ބުނެ ފިޔަވަޅު އަޅަންޏާ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި، ރައީސް މުހައްމަދު ނަޝީދަށް މެންބަރު ޝާހިދު މިހެން ވިދާޅުވީ، މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ދެއްކެޗި ވާހަކައާ ގުޅިގެންނެވެ.

ބޮންޑޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައްވާފައިވާ ކަމަށާއި، އެކަމުގެ ލިޔުމުގައި ސޮއި ކުރެއްވީވެސް ބައްލަވައިވެސް ނުލައްވައިކަމަށެވެ.

"ހަމަދިއްކޮށްލާއިރަށް ބަލައިވެސްނުލައި ސޮއިކުރެއްވީ،" ބޮންޑެ ވިދާޅުވިއެވެ. އަދި އޭނާވަނީ އެކަމުގައި ރައީސް ސޯލިހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގޮވާލައްވައިފައެވެ.

ބޮންޑޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ޝާހިދު ވިދާޅުވީ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭގެ ވެރިޔަކު އެންމެ ފުރަތަމަ އިއުތިރާފުވެ ވަޑައިގެންނެވީ 2011 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ކަމަށެވެ.

އެ ހިސާބުން މަޖިލިސް ރައީސް ޝާހިދުވެސް ވާހަކަ ހުއްޓުވިއެވެ. އެއަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، "ތި ވާހަކަ އަޅުގަނޑު އިންދާ ވިދާޅުވާތީވެ، ތީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

އެއަށްފަހު ޝާހިދު ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވުމުން، ރައީސް ނަޝީދަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ، "މަނިކުފާނު ތިހެން ވިދާޅުވިޔަސް ލިޔެކިޔުންތަކުގައި ސާފުކޮށް ފެންނަން އެހެރީ، މަނިކުފާނު ވިދާޅުވިބަސް، ގޫގުލް ޓްރާންސްލޭޓް ކޮށްލިޔަސް އެއިން ފެންނާނެ، މޮރިޝަސްއަށް މަނިކުފާނު ވަޑައިގެން އެތަނުގެ ވެރިންނާ ބައްދަލު ކުރައްވައި ނެރުއްވި ޖޮއިން ކޮމިއުކޭގައި ވަރަށް ސާފުކޮށް އެބައޮތް ގޫގުލްޓްރާންސްލޭޓް ކޮށްލިއަސް ފެންނަން އެބައޮތް،" ކަމަށެވެ.

އިތުރުފުޅު ހައްދަވައިގެން ރައީސް ނަޝީދު އެކަން ގަބޫލު ނުކުރެއްވިނަމަވެސް އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި، އެއީ އެންމެނަށްވެސް ފަސޭހައިން ހޯދައިލެވޭނެ މައުލޫމާތެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ގިނަ ބޭފުޅުންނަށް މިހާރު އިނގިރޭސި ބަސްވެސް އެނގޭ، އަދި މިޒަމާނަކީ އިނރޭސިބަސް ނޭނގޭ ފަރާތްތަކަށް އިނގިރޭސިބަސް ދިވެހިބަހަށް ތަރުޖަމާކޮށްލަން އެނގޭ ޒަމާން އެހެންވީމާ ދެން މަނިކުފާނު މާގިނަ އިތުރުފުޅުތަކެއް ހައްދަވާނެ ކަމެއްނެތް، ސާފުކޮށް ފެންނަން އޮތް ހަގީގަތް އެއީ އެކަންކަން ދެން ގަބޫލު ނުކުރައްވައި މިތަނަށް ވަޑައިގެން ފާޑު ފާޑުގެ ވާހަކަ ދެއްކެވިއެއްކަމަކު އެ ހަގީގަތެއް ދެން މިޒަމާނަކު ގަބޫލެއް ނުކުރާނެ،"

ކަނޑުވިއްކާލިކަމަށް ބުނެ ވާހަކަދައްކައި އެފަރާތަށް ފިޔަވަޅު އަޅާ ކަމަށް ވަންޏާ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެންމެ ފުރަތަމަ އެކަމަށް އިއުތިރާފުވި ފަރާތަށް ކަމަށްވެސް ވިދާޅުވިއެވެ.

"ކަނޑުވިއްކާލީއޭ ކިޔައިގެން ވާހަކަ ދައްކަންޏާ އެމީހަކާ މެދު ފިޔަވަޅު އަޅަންޏާ އެކަމަށް އެންމެ ފުރަތަމަ އިއުތިރާފުވި ފަރާތަށް ނާޅާ ފިޔަވަޅެއް އެޅޭނެ ފަރާތެއް ނޯންނާނެ، އެއީ ހުދު މަނިކުފާނު،" ރިޔާސަތުގައި އިންނެވި މަޖިލީސް ރައީސަށް އިޝާރާތް ކުރައްވަމުން މެންބަރު ޝާހިދު ވިދާޅުވިއެވެ.