ކ. މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ މާފުށީ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތަށް އެ ކުންފުނިން މިދިޔަ ހޯމަދުވަހު ފަށާފައިވާ ކަމަށާއި މިހާރު މިހާރު ކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 76.48 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ ފަޅުން 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.