ޚަބަރު

ވެރިންނަށް ވަގަށްގޮވުމާއި ނުބައި ނަންނަމުން ގޮވުން ހުއްޓުވަމީ ފަހަތަށް އެޅޭ ފިޔަވަޅެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ވެރިންނާ ދިމާލަށް ވަގަށް ގޮވުމާއި ގޮޅާބޯ، ގަންޖާބޯ ފަދަ މަލާމާތާއި ޖެއްސުމުގެ ނަންނަމުން މުހާތަބުކުރުން ހުއްޓުވަމީ، ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިިސްރައީސް މިހެން ވިދާޅުވީ، ލަވަޔާއި މިޔުޒިކް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަގު ތުހުމަތުކޮށް، ޗެނަލް 13 އިން ހިޔާލު ފާޅުކުރަމުންދިޔަ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ނިންމުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތް މައްސަލައިގައި، އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

އީވާ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ސިޔާސީ އެއް ހަރަކާތަކީ ވެރިންނަށް ފާޑުކިޔުން ކަމަށެވެ. އެއީ އެމީހުންގެ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށްވެސް ވިދާޅުވިއެވެ.

"ޗޯރު އިބުރޭ ޗޯރު އިބުރޭ މިހެން ރައީސުލްޖުމްހޫރިޔާއަށް ގޮވާލީއޭ ކިޔައިފަ ބޮޑުސިންގާހާ ޓީވީ ސްޓޭޝަނެއް މި ސެންސަރުކުރަނީ، އަޅުގަނޑުމެންނަކީ 30 އަހަރުގެ ވެރިކަމެއް ބޮޑުސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް، ގޮޅާބޯ، ގޮޅާބޯ، ގޮޅާބޯ ކީކީނުންގޮސް އޮފް ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް،"

ރައީސް ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލައަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، ބަގާވާތުން އަރައިގަތީ "އެބޭސިޑިން ވެއްޓިދާނެ،" އެ ލަވަ ކިޔައިގެން ކަމަށެވެ. އެއީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދެން ވެރިކަން ހަވާލު ކުރެއްވި ރައީސް ނަޝީދުގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި، ރައީސް ވަހީދަށް ނިސްބަތް ކޮށް އެމްޑީޕީން ހަދައިގެން އެ ޕާޓީގެ ހަރަކާތްތަކުގައި ޖަހަމުން އައި ލަވައެކެވެ.

އެއަށްފަހު އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ރައީސް ނަޝީދާ ދިމާލަށް ގޮވިހާ އެއްޗެހި، އަދި ރައީސް ޔާމީނާ ދިމާލަށް އަޅުގަނޑުމެން އެކި ތަންތަނުގައި ގޮވިހާ އެއްޗެހި، އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެއް، އެ ހުރިހާ ކަންކަމަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ، ޗެނަލް 13 އެއް އަޅުގަނޑެއް ނުބަލަން އަޅުގަނޑަކަށް ބަލާކަށް ނުކެރޭ އޭގެން ދައްކާ ވާހަކަތަކަކާ އަޅުގަނޑު އެއްބަހެއް ނޫން، އެކަމަކު ޗޯރު އިބުރޭ ޗޯރު އިބުރޭ ޗޯރު އިބުރޭ އެމީހުން ގޮވަން ބޭނުމިއްޔާ އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް،"

އީވާ ވިދާޅުވީ، އެގޮތަށް މީހުންގެ ބޮލުގައި ކަންކަން އެޅުވުމާއި އެކި ނަންނަމުން ގޮވުމަކީ ޑިމޮކްރަސީގެ ތެރެއިން ހޯދި އެންމެ ބޮޑޫ ކާމިޔާބު ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުމަކީ ޑިމޮކްރަސީ ފަހަތަަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ 2008 ގެ ޑިމޮކްރެޓިކް ގެއިންސްގެ ތެރެއިން އަޅުގަނޑުމެންނަށް ހޯދުނު އެންމެ ބޮޑު އެއް ކީ އެޗީވްމަންޓް މި އަނބުރާ ފަހަތަށް ދާތަން ބަލާކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ، އެއީ ދިވެހި ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް، މީޑިއާގެ މިނިވަން ކަން ގެއްލިގެން ދިއުން،"

އީވާގެ ވާހަކައަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، "ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ރާގޮނޑި ރާޖާ މިނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަ އާއި އަދި އެހެންތަންތާނގައި އެކި ގޮތްގޮތަށް ކިޔައިފަ، މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ކަމަށެވެ.