ވިދިވިދިގެން ތިން މަސް ދުވަހު ބިލު ނުދައްކައިފިނަމަ ކުނި ނެގުމުގެ ހިދުމަތްދިނުން ހުއްޓާލާ ގޮތަށް ގަވާއިދު ހަދައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު އާންމުކުރި "ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ކުނި ބިލު ނުދައްކާނަމަ ފިޔަވަޅު އަޅާނެއެވެ.
އެގޮތުން ބިލު ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ބިލު ނުދައްކައިފިނަމަ ދޭ ހަތް ދުވަހުގެ ނޯޓިސްގެ ތެރޭގައި ވެސް ބިލު ނުދައްކައިފި ނަމަ، އެ ފަރާތެއް މަހަކު ފަސް ރުފިޔާއިން ޖޫރިމާނާކުރާނެއެވެ. އަދި ވިދިވިދިގެން ތިން ބިލަށް ފައިސާ ނުދައްކައިފި ނަމަ، ކުނި މެނޭޖުކުރުމުގެ ހިދުމަތް މެދުކަނޑާލުމުގެ އިހުތިޔާރު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
ތިން މަސް ދުވަސް ވަންދެން ބިލު ނުދައްކައިގެން ހިދުމަތް މެދުކަނޑައިލައިފި ނަމަ، އަލުން އެ ހިދުމަތް ފޯރުކޮށްދިނުމުގައި ނުދައްކާ ހުރި ބިލުތަކުގެ ފައިސާއާއެކު 50 ރުފިޔާގެ ފީއެއް ނެގުމުގެ އިހުތިޔާރު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
ގަވާއިދުގައިވާ ގޮތުން ކުނި އުކައިދިނުމުގެ ހިދުމަތް ހޯދާ ފަރާތުން ވަކި މުއްދަތަކަށް ހިދުމަތް މެދުކަނޑާލަން ބޭނުންވެއްޖެ ނަމަ، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން އެކަމަށް ހަމަޖައްސާ އުސޫލެއްގެ ދަށުން ހިދުމަތް މެދުކަނޑާލުމަށް އެދެވިދާނެއެވެ. އެގޮތުން ހިދުމަތް މެދުކަނޑާލަން އެދިއްޖެ ނަމަ، އެ ދުވަހާ ހަމައަށް ބިލިން ސައިކަލުގައި ހިނގާފައިވާ މުއްދަތު ބަލައި، އެ ފައިސާ ދައްކަން އެންގުމުގެ އިހުތިޔާރު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ. އަލުން އެ ފަރާތުން އަނބުރާ ހިދުމަތް ބޭނުންވެއްޖެ ނަމަ، 50 ރުފިޔާގެ ފީއެއް ނަގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.