އެމްޑީޕީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކުގައި ތިއްބަވައި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ބައެއް ފަރާތްތައް މަގާމްތަކުން ވަކިކޮށްފިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން މީހަކު މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަންސަރު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓާ އަލައިކާ އައިޝަތު އަދި އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ މުހައްމަދު ހަމްދާންއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން "ވަން" އަށް މިއަދު ވިދާޅުވީ އެ ތިން ބޭފުޅުންވެސް މަގާމުން ވަކިކުރެއްވީ އެ ބޭފުޅުންނަކީ މިހާރު އެމްޑީޕީގެ މެމްބަރުންނަށް ނުވުމުން ކަމަށެވެ.

"އެމްޑީޕީން ސަރުކާރަށް އެންގީމަ އެފަދަ މީހަކު ވަޒީފާއިން ވަކިކުރާނެ،" މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "ވަން" އަށް ވިދާޅުވީ އެ މަގާމުތަކަކީ އެމްޑީޕީގެ މެމްބަރުންގެ މަގާމުތަކެއް ކަމަށާއި އެ މަގާމުތަކުގައި ތިބެވޭނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.

"އެއީ އެމްޑީޕީގެ ސްލޮޓުތަކެއްގައި މަގާމަށް އައްޔަންކުރެއްވި ބޭފުޅުން. އެމްޑީޕީން އެ ބޭފުޅުން ވަކިވެފައިވާ ކަމަށް ނިންމުމުން ދެން މަގާމުގައި ނުތިބެވޭނެ،" އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ މަގާމުތަކުގައި ތިބި 10 މީހަކު އެމްޑީޕީން ވަކިވެފައިވާ ކަމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ލިސްޓު ލިބުމުން ވަޒީފާއިން ވަކިކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުން މިއަދު ވަކިކުރެއްވި ތިން ބޭފުޅުންވެސް ވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" އުފައްދަން މަސައްކަތް ކުރަމުންދާ "ދި ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގެންފައެވެ.

އެ ތިން ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބޭފުޅުންނަކީ އެމްޑީޕީގެ މި ވެރިކަން ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބައެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެނިފެންސްޓޯ ތަންފީޒު ކުރަން އެނގޭނެ ބައެއް ކަމަށާއި އެ މީހުން މަގާމުން ވަކިކުރުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށެވެ.