"ޓްރިޕް އެޑްވައިޒާ" އިން ދޭ ޓްރެވަލާސް ޗޮއިސް އެވޯޑްސް 2023ގައި ހޮވާ ދުނިޔޭގެ އެންމެ ފުރިހަމަ އާ ހޮޓަލުގެ އެވޯޑު ރާއްޖޭގެ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓަށް ލިބިއްޖެއެވެ.
ޓްރެވެލާސް ޗޮއިސް އެވޯޑުގެ 21 ވަނަ އެޑިޝަނުގައި "ރޫކީ އޮފް ދަ އިޔާ" ގެ ދަރަޖަ އެ ރިސޯޓުން ހޯދާފައިވަނީ މުޅި ދުނިޔެއިން 25 ހޮޓަލަކާ ވާދަކުރުމަށްފަހުއެވެ. އެގޮތުން ޓްރިޕް އެޑްވައިޒާ އިން ވަނީ މިދިޔަ އަހަރުން ފެށިގެން ނިމެންދެން ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ހޮޓަލުތަކަށް ފަތުރުވެރިން ދީފައިވާ ރިވިއުތައް އެނަލައިޒްކޮށް، ފަތުރުވެރިން އެންމެ މަތީ ރޭޓިން ދީފައިވާ ހޮޓަލުތައް ދެނެގަނެފައެވެ. އެ ރިވިއުތަކުން އެންމެ ކުރީގައި އޮތީ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓެވެ.
އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ތަރައްގީކޮށް ހިންގަމުން އަންނަ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓު ހުޅުވީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.
ފަސްތަރީގެ ލަގްޒަރީ މި ރިސޯޓަކީ ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. އެ ރިސޯޓުގައި 68 ވިލާ ހަދާފައިވާ އިރު، އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެއެވެ. އަދި ދުނިޔޭގެ ހުރިހާ ކުޒީންއަކަށް ހާއްސަ ރެސްޓޯރެންޓެއް އެ ރިސޯޓުގައި ހުޅުވާފައިވާ އިރު، ޓޭކްއަވޭގެ ހިދުމަތް ލިބޭ 17 ފުޑް ޓްރަކްވެސް ރިސޯޓުގައި ހުރެއެވެ.
އޭގެ އިތުރުން "އޮންލީ ބްލޫ"ގެ ނަމުގައި އެ ރިސޯޓުގައި ތަރައްގީކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ މިވަގުތު ރާއްޖޭގައި ހުރި އެފަދަ އެންމެ ބޮޑު ރެސްޓޯރެންޓެވެ.