Close
ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަރސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ. އެގޮތުން މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަގުވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެއެވެ.