މަރާމާތަށް އާސަހަރާ ބަންދުކޮށް، ވަގުތީ ގޮތުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާތީ، އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް ބުންޏެވެ.
ކައުންސިލުން ބުނީ އެ މަސައްކަތާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.