ހުޅުމާލޭގައި ފުރަތަމަ ފަހަރަށް މަގު ހުރަސް ބައްތި ބޭނުންކުރަން ފަށައިފިއެވެ.
ހުޅުމާލޭގައި މަގު ހުރަސް ބައްތި އިފުތިތާހުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމުއެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭގައި މަގު ހުރަސް ބައްތި ބޭނުންކުރުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށާއި ހުޅުމާލެ ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ، މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށެވެ.
ހުޅުމާލޭގެ އަށް ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާއިރު، މަގު ހުރަސް ބައްތި ހަރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ ކަފި ހުރަސްތަށް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އެގޮތުން މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް މަގު ހުރަސް ބައްތި އަދި ހިޔާ ސަރަހައްދުގައި އެއް މަގު ހުރަސް ބައްތި ބޭނުންކުރަން ވަނީ ފަށައިފައެވެ.
"މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެ" އާބަންކޯއިން ބުންޏެވެ.