މާތް ﷲއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް, މުސްލިމުންނަށާއި ކާފިރުންނަށްވެސް ދުނިޔެމަތީގައި ރަހުމާންވަންތަ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް އުރެދޭ މީހުންވެސް ހޭވެރިވެ ތައުބާވެ, اللهގެ ހަޟްރަތަށް އެނބުރި އާދޭތޯ އެކަލާނގެ އެ މީހުންނަށް މުހުލަތު ދެއްވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
'މާތް اللهގެ ރަހުމަތްފުޅުގެ ތަނަވަސްކަން' މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް اللهގެ ރަހުމަތްފުޅު ނުވާނަމަ އަހަރެމެން މި ދުނިޔޭގައި ނުވާނެ ކަމަށާއި އެކަލާނގެ ރަހުމަތްފުޅު ނުވާ ނަމަ އަހަރެމެން ދިރި ނުތިބީސް ކަމަށެވެ. މާތް اللهގެ ރަހުމަތްފުޅު ނުވާ ނަމަ އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވީސް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, الله އަށް ކާފިރުވެ, ޝަރީކުކޮށް, الله ވޮޑިގެންނުވާ ކަމާމެދު އިންކާރުކުރާ ހިނދުގައިވެސް އެ މީހުންނަށް ދުނިޔޭގެ އަރާމާއި ލައްޒަތާއި ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވީ اللهގެ ރަހުމަތްވަންތަ ކަމާއި ހަލީމުވަންތަކަމުން ކަމަށެވެ.
އަދި اللهގެ ރަހީމުވަންތަކަމަކީ މުއުމިނުންނަށް ހާއްސަ ކުރައްވާފައިވާ ސިފަފުޅެއް ކަމަށާއި الله ލައްވަވާ މި ރަހުމަތް ހާއްސަ ކުރައްވާފައިވަނީ އެކަލާނގެއަށް އީމާންވެ, الله އަށް ރުކޫއުކޮށް ސަޖިދަކޮށް اللهގެ ހައްގުތައް އަދާކުރާ މީހުންނަށް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، އަހަރެމެންގެ ހަޔާތް اللهގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށާއި އެ ފޮތަކީ މުނިފޫހި ފިލުވައިދޭ މިތުރެއްގެ އިތުރުން ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރިއެއް ކަމަށެވެ. އަދި އެއީ އަހަރެމެންގެ ބަލިތަކުގެ ޝިފާ ކަމަށާއި ފުރާނައިގެ ކާނާ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން الله އަށް މުނާޖާ ދަންނަވަން, ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް, އީމާންކަން ހަރުދަނާކުރަން, ސުވަރުގޭގެ މަގުން ދަތުރުކުރަން, ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކުރަން އަދި ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވަން ހުތުބާގައި ގޮވާލި އެވެ.