އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 48

އަބްދުﷲ ފާރޫގް ހަސަން

(19 މެއިގެ އަދަދާ ގުޅޭ)

أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ޒިޔާރަތް ބަލައިލުމަށްފަހު އަޅުގަނޑުމެން ދިޔައީ ގޯލްޑަންހޯނުގެ އައްސޭރީގައިހުރި މަގަހަ (ޢަރަބިބަހުގެ މަޤްހާ ކޮޕީޝޮޕް ދިވެހިކޮށްފައި) އަކަށެވެ. އަޅުގަނޑުމެން އެތާނގެ ހިތްގައިމު މަންޒަރު ބަލާށާއި ތުރުކިޔޭގެ ސަޔާއި ކޮފީގެ މީރުކަން ލިބިގަންނަން އިރުގަނޑަކު ތިބީމުއެވެ. އަޅުގަނޑުމެންނަކަށް މަގަހައިގެ ބިލް ދައްކާކަށެއް ނުޖެހުނެވެ. އަޅުގަނޑުމެންގެ ގައިޑު ބުނީ އެއީ އޭނާ އަދާކުރި މެހްމާންދާރީއެއް ކަމުގައެވެ. އަޅުގަނޑުގެ ދަރިފުޅު ނުސައިބާ އެހިތްގައިމު މަންޒަރުގެ ވަރަށްގިނަ ފޮޓޯތައްވެސް ނެގިއެވެ. އެފޮޓޯތަކުގެ ތެރެއިން ވަރަށްގިނަ ފޮޓޯ މިހާރުވަނީ ކިޔުންތެރީން ބައްލަވައިލައްވާން މި ސިލްސިލާގައި ހިމަނައިފައެވެ.

އެތާނގައި ވަގުތުތަކެއް ހޭދަކުރިއިރު އަޅުގަނޑުމެންގެ ޕްރޮގްރާމުގައި ބާކީއޮތީ سـلطـــان الــفــاتــــح ގެ މަޒާރާއި جــامــــع الــفــاتــــح އާއި مـسجــد ســليمــانــى ބަލަންދިޔުމެވެ. މިދެންނެވި މަޒާރާއި ދެމިސްކިތް ހުންނަނީ ވަރަށް ކައިރީގައެވެ. އެކަމަކު އަޅުގަނޑުމެންދިޔައީ ހަމައެކަނި سـلطـــان الــفــاتــــح ގެ މަޒާރަށެވެ. އެ މަޒާރަކީ ތުރުކިޔޭއިން އަޅުގަނޑުމެން ދެކެފައިވާ އެހެނިހެން މަޒާރުތައްކަހަލަ ބޮޑުސިންގާ ތަނެއް ނޫނެވެ. أبــــو أيّـــوب رضــى اللّــــه عـــنــــه ގެ މަޒާރާ ޚިލާފަށް ހިތްހަމަޖެހިލައިގެން އެ މަޒާރު ބަލައިލެވުނެވެ. މަހާނަފުޅުގެ ވަށައިގެން ހިނގައިލެވުނެވެ. سـلطـــان الــفــاتــــح ގެ މަޤްބަރާ ތެރޭގައި އިށީނދެލައިގެން ޤުރްއާން ކިޔަވާންތިބި މީހުން ތިބިކަން ފާހަގަކުރެވުނެވެ.

جــامــــع الــفــاتــــح އާއި مـسجــد ســليمــانــى އަކީ ވަރަށް ރީތި ދެމިސްކިތެވެ. سـلطـــان الــفــاتــــح ގެ މަޤްބަރާއާ އެދެ މިސްކިތާހުރީ އެއް ސަރަޙައްދެއްގައެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެ ދެމިސްކިތް ބަލައިލީ ތަންކޮޅެއް ދުރުންނެވެ. މާކައިރިކައިރިޔަކުން ނޫނެވެ. އެތެރެޔަށްވަދެ ބަލައެއް ނުލަމުއެވެ. އޭރު މެންދުރު އަވިގަދަވެފައިވުމާއެކު ވަރަށް ކައިރިއޭ އަޅުގަނޑު ލިޔުނުކަމުގައިވިޔަސް ސަރަޙައްދުގެ ބޮޑުކަމާއި ތަނަވަސްކަމާހުރެ އަޅުގަނޑު ޢުޒުރުވެރިވީއެވެ. ކުރީދުވަހުގެ ހިނގުންތަކާއި މިއަދުގެ އަވަދިނެތް ޕްރޮގްރާމުގެ ސަބަބުން އަޅުގަނޑު ހުރީ ވަރަށް ވަރުބަލިވެފައެވެ. ކުރީންވެސް ދެންނެވި ފަދައިން އިސްތަންބޫލު ބަލަން މިހާރު އަޅުގަނޑަކަށް ދެދުވަހެއް ދޮޅުދުވަހެއް ނުފުދެއެވެ. އެހެންކަމުން سـلطـــان الــفــاتــــح ގެ މަޤްބަރާއިން ނުކުމެގެން އަޅުގަނޑުމެން ދިޔައީ މެންދުރުކާން ރެސްޓޯރަންޓަކަށެވެ.

ކުރީން ދަންނަވައިފައިވާ ފަދައިން އިއްޔެ މެންދުރު އަޅުގަނޑުމެން ކެއީ ފަތުރުވެރީންގެ ސަރަޙައްދެއްގެ ރެސްޓޯރަންޓަކުންނެވެ. މިއަދު ކެއީ އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމްގެ މަންޠިޤާގެ ރަނގަޅު ތަނަކުންނެވެ. މިއަދު ކެއިތަނުގެ ރިހަތަކާއި ރަހަތައް އަޅުގަނޑަށް މާކަމުދިޔައެވެ. ޖީބަށްވެސް ލައްކަތަން ލުޔެވެ. ކައިނިމުނުއިރު ހަވީރުއަތަށް އަޅައިފިއެވެ. ދުވަހުގެ ދިލަހޫނުކަންވެސް ލައްކަތަން ކުޑަވެއްޖެއެވެ. އަޅުގަނޑުމެންދިޔައީ ބޮސްފަރަސްގެ އައްސޭރީގައިހުރި ވަރަށްބޮޑު ރެސްޓޯރަންޓަކަށެވެ. ކޮފީބުއިމުގެ ނަމުގައި އެތާނގައި ވަގުތު ހޭދަކޮށްލާށެވެ. އަޅުގަނޑުމެންދިޔަ ރެސްޓޯރެންޓު ހުރީ ޣަލްޠާއާ ކުރިމަތިވާގޮތަށެވެ. މަޝްހޫރު ޣަލްޠާ ޓަވަރު ރީތިކޮށް ފެންނާން ހުއްޓެވެ. އަޅުގަނޑުގެ ދަރިފުޅު އެތާނގެ ފޮޓޯ ނެގިއެވެ. މުސްލިމު މުއައްރިޚު الـدّمشقـــى، 4: 228 ލިޔުއްވާގޮތުގައި ޣަލްޠާ ޓަވަރާއި ޣަލްޠާގެ جــامـــع عــــــرب ގެ ބިންގާ އެޅުއްވީ مسـلـمـة بـــن عـبــدالمـلك އެވެ. ســليمــان بـــن عـبــدالمـلك ގެ ޚަލީފާކަމުގައި مسـلـمـة ގެ ކޮމާންޑަރުކަމުގައި އިސްތަންބޫލަށް ދެއްވި ޙަމަލައިގެ ދުވަސްވަރުއެވެ.

މިދެންނެވި ރެސްޓޯރެންޓުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމް އަޅުގަނޑުމެން ގެންދިޔައީ ރައީސު رجـب طـيّـب اُرْدُغَــان އިސްތަންބޫލުގައި ބިނާކުރެއްވި މިސްކިތެއް ކަމުގައިވާ ކެމިލިކާ ކެމީ (Camilica Camii) އަށެވެ. ތުރުކިޔޭ ބަހުން ކެމީ އަކީ މިސްކިތެވެ. ކެމިލިކާ އަކީ އެމިސްކިތް ހުންނަ ސަރަޙައްދެވެ. އާދެ، ކެމިލިކާކެމީ އަކީ ކެމިލިކާގެ މިސްކިތެވެ.

އެ މިސްކިތަކީވެސް ވަރަށްރީތި ބޮޑު މިސްކިތެކެވެ. ޔޫރަޕުގައިހުރި އެންމެބޮޑު މިސްކިތެވެ. އެމިސްކިތުގައި އެއްފަހަރާ ފަސްދޮޅަސް ތިންހާސް މީހުންނަށް ނަމާދު ކުރެވެއެވެ. މިސްކިތް ޢިމާރާތްކޮށްފައިވަނީ އެންމެ މިޒަމާނުގެ ޖަލްސާކުރާ މާލަންތަކާއި ވަސީލަތްތައް ހިމަނައިގެންނެވެ. ކެމިލިކާއަށް ބިންހެލުމެއްފަދަ ކާރިސާއެއް ކުރިމަތިވެއްޖެކަމުގައިވާނަމަ ކެމިލިކާ ކެމީގައި އެއްލައްކަ މީހުންނަށް ރައްކައުތެރިކަން ދެވޭނެއެވެ. އެމިސްކިތް ބަލައި ނިމުމުން އަޅުގަނޑުމެންގެ ގައިޑްގެ ދައުރު ނިމުނީއެވެ. އޭނާ އެހިސާބުން އަޅުގަނޑުމެންނާ ވަކިވެއްޖެއެވެ. ދެން އަޅުގަނޑުމެން ދިޔައީ އިސްތަންބޫލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށެވެ. އިތުރަށް ކުރެވޭނެ އެހެންކަމެއް ނުވެސްނެތުމާއެކު އިސްތަންބޫލު ނުފެނި އެކަމަކު ބަލައިފައެވެ.

خــيـــــر الــدّيــــن ބަރުބަރޯސާ

މި ސިލްސިލާގެ ފެށުމުގައި އަޅުގަނޑު ދަންނަވައިފައިވާ ފަދައިން އިސްތަންބޫލުން ދެން އަޅުގަނޑު އެންމެ ދެކެލަން ބޭނުންވި ތަނަކީ މުސްލިމުންގެ ފަޚްރެއްކަމުގައިވި ކުޅަދާނަ أمــيــــــر الـبـحـــــر خــيـــــر الــدّيــــن ބަރުބަރޯސާގެ މަޤްބަރާއެވެ. ނަމަވެސް އެ މަޤްބަރާ ހުންނަ ސަރަޙައްދުގެ (ބެސިކް ޓާސް) ގެ ދުރުކަމާއި މިހާރު ޢާންމުކޮށް އެ މަޤްބަރާ ބަންދުކޮށްފައި ހުންނާތީ އެހިސާބަކަށް ނުދެވުނެވެ. ނަމަވެސް މިހާރުވެސް އެއީ އަޅުގަނޑުގެ ޝައުޤެކެވެ. ތައުފީޤުދެއްވާނީ ދީލަތިވަންތަ ޖައްލަ ރައްބީއެވެ.

އަޅުގަނޑު خــيـــــر الــدّيــــن ގެ މަޤްބަރާ ދެކޭހިތްވުމުގެ ޚާއްޞަ ސަބަބެއްވެސް އެބައޮތެވެ. خــيـــــر الــدّيــــن ބަރުބަރޯސާއަކީ އަޅުގަނޑު އިސްލާމީ ޝަޚްޞިއްޔަތުތައް ލިޔާންފެށިތާ އެންމެ ކުރީކޮޅުގައި އެބޭފުޅެއްގެ ޙަޔާތްޕުޅުގެ ވާހަކަ ލިޔުނު އެއްބޭފުޅެކެވެ. އެއީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އަޅުގަނޑު ގަސްދުކުރަނީ خــيـــــر الــدّيــــن ބަރުބަރޯސާއާ ބެހޭގޮތުން އަޅުގަނޑު ލިޔުނު މަޒުމޫނުގެ ބައެއް ބައިތައް މިތާނގައި ހުށަހަޅައިލާށެވެ. އަޅުގަނޑު ލިޔުނު މަޒުމޫނުގެ މައިގަނޑު ނަމަކީ "خــيـــــر الــدّيــــن ބަރުބަރޯސާ: އޭނާ ޔޫރަޕްގެ ކަނޑުތަކުގައި އިސްލާމީ ދިދަ ވިހުރުވައިލެއްވިއެވެ." މިއެވެ. خــيـــــر الــدّيــــن ގެ ބުތޫލަތްތެރި މަސައްކަތްޕުޅަށް އަލިއަޅުވައިނުލައެއް މުސްލިމުންގެ ކަނޑުމަތީ ހަނގުރާމައިގެ ތާރީޚު ފުރިހަމައެއް ނުވާނެއެވެ.

+ + + + +

ޢުމުރުފުޅުން 70 އަހަރުފުޅުވީ މުސްކުޅި ކޮމާންޑަރުގެ އެންމެފަހުގެ ބެއްލެވުންތަކުން އަރުމާދު ނިމިއްޖެއެވެ. ފުރުމުގެ އަމުރު ލިބުމާއެކު ނަގިލިތައް ނަގައިފިއެވެ. ފަލިތަކަށް ޙަރަކާތް އަތުވެއްޖެއެވެ. ކަނޑުގެ ހަމަހިމޭން ސަތަޙައިގައި އުފެދުނު ރާޅުތައް ފުޅާވަމުން ތަނަވަސްވަމުން ދާންފަށައިފިއެވެ. ލޮންސިތަކުގެ ކުރީގައި ތުރުކިޔޭގެ ހަނދުފަޅިޖެހި ރަތް ދިދަތައް ފޮޅުވައިލައިފައިވާ އުޅަނދުތަކުން اللّــه أكـبــــــر ގެ ނަޢުރާގެ އަޑު ދިޔައީ އުފުލެމުންނެވެ. ކަނޑުގެ ލޮނުގަނޑު ފަޅައި ކުދިކުދިކުރަމުން އަރުމާދު ދަތުރު ފަށައިފިއެވެ.

އެއީ، މީލާދީން 1538 ވަނައަހަރު ހޫނު މޫސުމުގެ ހާދިސާއެކެވެ. ވެނިހާއި ސްޕޭނާއި، އަދި ޔޫރަޕުގެ ގުޅިފައިވާ ކަނޑުގެ އަރުމާދުތައް އެޑްރިއޭޓިކް ކަނޑުގައި ބުރުޖަހަމުންދެއެވެ. ވެނިހާއި އިސްތަންބޫލުން ބަލަބަލައިތިބީ އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ ޙަމަލައެއްދޭނެ ދަނޑިވަޅަކަށެވެ. ވެނިހަކީ އެދުވަސްވަރު ޔޫރަޕުގައިއޮތް އެންމެ ވަރުގަދަ ކަނޑުގެ ބާރެވެ. އެބައިމީހުން ވާދަކުރަމުންދިޔައީ، ޢުޘްމާނީ ރަސްކަމުގެ ކުރިއަރަމުންއައި ކަނޑުގެ ބާރާއެވެ. ޢުޘްމާނީ އަރުމާދު ވަނީ އެތައްފަހަރަކު ވެނިސް ބަލިކޮށްފައެވެ. ނަމަވެސް އެބައިމީހުންގެ ނޭވާފަށެއް، އަދިވެސް ބާކީ ހުރީއެވެ. ޔޫރަޕުގެ އެންމެ މަޝްހޫރު ކަނޑުގެ ބާރުތައް އެބައިމީހުންގެ ބުރަކަށި ޙިމާޔަތްކޮށްދެމުން ގެންދާތީއެވެ.

ހިމޭން ކަނޑެކެވެ. ސާފު ޖައްވެކެވެ. ވައިހެޔޮވަރެވެ. ސަތޭކަ ފަންސާސް ނަވުގެ މައްޗަށް އެކުލެވިގެންވާ ޢުޘްމާނީ އަރުމާދު، އެޑްރިއޭޓިކް ކަނޑާ ދިމާއަށް ބާރު ދުވެލީގައިއޮވެ ފައިބަމުންދިޔައެވެ. އަރުމާދުގައި ހިމެނޭ ހަނގުރާމަވެރި އުޅަނދުތަކުގެ ޢަދަދަކީ ސަތޭކަ ވިއްސެވެ. އޮފިސަރުންގެ ތެރޭގައި ތަރްޣޫދާއި، مــــــراد ރައީސާއި، سِـنـــان އާއި، صــالــح ރައީސް ފަދަ ކުޅަދާނަ ތަޖުރިބާކާރުން ހިމެނެއެވެ. އެބޭފުޅުންގެ ޙަޔާތްޕުޅުގެ ބޮޑުބައި ވޭތިކުރައްވައިފައިވަނީ، ކަނޑުގެ ރާޅުތަކުގެ ތެރޭގައެވެ. ޔޫރަޕުގެ ކަނޑުފޭރޭ މީހުންނާއި، ޢީސާއީންގެ ކަނޑުގެ ބާރުތަކުގެ ހިތްވަރު އަޖުމަ ބެއްލެވުމުގައެވެ. ބޮޑެތި އެތައް އެތައް މަޢުރަކާތަކެއްގައި މުސްކުޅި ކޮމާންޑަރާއެކު، އެބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަރުމާދުގެ ބައެއް އުޅަނދުތަކަށް އަރުޓާގެ ކުރިމަތީގައިވާ ޢުޘްމާނީ ކިއްލާ "ޕަރްޔޫލިޔާ" ގެ ކައިރިޔަށް ދެވުނުތަނާ ދުޝްމަނުންގެ އަރުމާދުގެ އުޅަނދުތައް ދައްކައިލައިފިއެވެ.

ކްރިސްޓިޔަނުންގެ ބާރުގަދަކަމުގެ ޙައްދެއްނެތެވެ. އެބައިމީހުންގެ އަރުމާދުގައި ހަނގުރާމަވެރި 200 ނައު އެކުލެވެއެވެ. 7000 ސިފައިންނާއި، 2500 ބޮޑުބަޑި ހިމެނެއެވެ. އަރުމާދުގެ ކޮމާންޑަރަކީ އެންޑްރޫ ޑޫރިޔާއެވެ. އޭނާއަކީ އެދުވަސްވަރުގެ ޢީސާއީންގެ އެންމެ މަޝްހޫރު އެއް أمـيـــــرالـبـحـــــر އެވެ. ޢުޘްމާނީ އަރުމާދު "ޕަރްޔޫލިޔާ" އަށް ފޯރިތަނާ ދުޝްމިނުން ލޫފުރާއާ ދިމާއަށް ނުކުމެއްޖެއެވެ. މުސްކުޅި ކޮމާންޑަރ އެއްވެސް އުނދަގޫފުޅުކަމަކާނުލައި އޭނާގެ އަރުމާދާއިގެން ވެދެވަޑައިގެންނެވީ އަރުޓާގެ ގަލްފުގެ ތެރެއަށެވެ. ހަނގުރާމައިގެ ނަޒަރުން ވިސްނާއިރު، އޭނާ އެޅުއްވި މި ފިޔަވަޅަކީ ނުހަނު ބުއްދިވެރި ފިޔަވަޅުފުޅެކެވެ. އާދެ ހުޅުވިފައިވާ ކަނޑަށްވުރެ، އެތާނގައތިބެ ހަނގުރާމަ ހިންގުމުގައި ރައްކައުތެރިކަން މާބޮޑެވެ. ބަނދަރަކީ ތަނަވަސް ފުޅާ ބަނދަރެކެވެ. "ޕަރްޔޫލިޔާ" ގެ ގަދަފަދަ ކިއްލާ ހުރީ ޢުޘްމާނީ އަރުމާދުގެ ފަހަތުގައެވެ. ކުރިމަތިވެދާނޭ ނުރައްކަލަކަށްއޮތީ، އެންމެ ކަމެކެވެ. ދުޝްމިނުން އައްސޭރިޔަށް ފައިބައި ބޮޑުބަޑީގެ ޙަމަލައެއް ދިނުމެވެ. މި ނުރައްކައުތެރިކަމުގެ ދޮރު ބަންދުކުރެއްވުމަށްޓަކައި ޢުޘްމާނީ ފްލީޓުގެ ކެޕްޓަނުން ރޭއްވެވީ ސިފައިންގެ ޖަމާޢަތެއް އައްސޭރިއަށް ބާލުއްވައި މަރުކަޒުތައް ހެއްދެވުމެވެ. އެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރަމުން ދަނިކޮށް، 25 ސެޕްޓެމްބަރުގައި ދުޝްމިނުންގެ އަރުމާދު އައިސް ބަޑިޖަހަން ފަށައިފިއެވެ. މުސްލިމުންނަށް މަޖުބޫރުވީ، އައްސޭރިއަށް ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓައިލާށެވެ.

ދެބައިމީހުން މިހާރު އެތިބީ "ލޮލާއި ލޯދިމާވާ" ގޮތަށެވެ. ކަނޑުމަތީގެ ހަނގުރާމައިގެ ތާރީޚުގައި، ވަރުގަދަ ހަނގުރާމައެއް ފެށެނީއެވެ. ނަމަވެސް ދެބައިމީހުންމެ ތިބީ އިސްވެ ޙަމަލަދޭން ޖެހިލުންވެފައެވެ. އަޅުގަނޑުމެންގެ މުސްކުޅި ކޮމާންޑަރަށް އޭނާގެ ފްލީޓުގެ ކުޑަކަން އިޙްސާސްކުރެއްވިފައިވަނީ ވަރަށް ބޮޑަށެވެ. ޑޫރިޔާ ފަޚުރުވެރިވެފައިވަނީ އޭނާގެ ފްލީޓުގައި ހިމެނޭ 50 ސްޓީމް ނަވާ ހުރެއެވެ. އެ ނައުފަހަރުގައިހުރީ ބަރުބޮޑު ބަޑިތައް ހަރުކޮށްފައެވެ. ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހު ހެނދުނު މުސްލިމުން ނިދައި ހޭލުމުން ފެނުނީ ވަރަށްބޮޑަށް ޙައިރާންކުރުވި މަންޒަރެކެވެ. ލޮލަށް ފެންނަމުންދިޔަ ހާދިސާ އެމީހުންނަކަށް ޔަޤީނެއްވެސް ނުކުރެވުނެވެ. އާދެ، ޢީސާއީ ދުނިޔޭގެ މާސިންގާ އަރުމާދު ނުހަނު ހައިބަތާއެކު ރިޔާތައް ފޮޅުވައިލައިގެން އެނބުރި ދަނީއެވެ.

(ނުނިމޭ)