ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނެޓް ބޭންކިންއަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން ތައާރަފުކޮށްފިއެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލުން ޓޫ ފެކްޓާ އޮތެންޓިފިކޭޝަންގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެގޮތުން ފުރަތަމަ މި ހިދުމަތް ތައާރަފުކުރީ ބީއެމްއެލް މޯބައިލް ބޭންކިންއަށެވެ.
ބޭންކުން މިއަދު ބުނީ މިހާރު ބީއެމްއެލް އިންޓަނެޓް ބޭންކިންއަށްވެސް މި ހިދުމަށް ތައާރަފުކޮށްފައިވާ ކަމަށެވެ.
ޓޫފެކްޓާ އޮތެންޓިކޭޝަން އާއެކު ދެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއަށް ލޮގިންވުމަށް ހާއްސަ އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަން ޖެހޭނެއެވެ. މި ޕާސްވޯޑް ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ.
ބީއެމްއެލުން ބުނީ މި ހިދުމަތާއެކު ބޭންކުގެ އިންޓަނެޓް ބޭންކިންގެ އިތުރުން މޮބައިލް ބޭންކިން އެޕަށް ލޮގްއިން ކުރާއިރު މިހާރު ސެކިއުރިޓީގެ އިތުރު ފަށަލައެއް އިތުރުވާނެ ކަމަށެވެ. މޯބައިލް ބޭންކިންއަށް މި ހިދުމަށް ނުލިބޭ ކަސްޓަމަރުން ޖެހޭނީ ބީއެމްއެލް މޯބައިލް އެޕްލިކޭޝަން އަޕްޑޭޓު ކުރާށެވެ.
ސްކޭމްތައް ހިންގާ މީހުން ދަނީ ސްކޭމްތަކުގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ކަމަށާއި އެހެންކަމުން ކަސްޓަމަރުންގެ ރައްކާތެރިކަން ޔަގީންކުރަން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން މިދިޔަ މާޗު މަހު ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާއި އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް "ޕުޝް ނޮޓިފިކޭޝަން" ފޮނުވަން ބީއެމްއެލުން ވަނީ ފަށައިފައެވެ.