Close
ޚަބަރު

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބީއެމްއެލް ސްޓާޓަޕް ގްރާންޓް' އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީއެކެވެ.

ބީއެމްއެލުން މިއަދު ބުނީ ސްޓާޓަޕް ގްރާންޓްގެ ދަށުން މިއަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބުކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން ކަމަށާއި ބީއެމްއެލްގެ އުއްމީދަކީ މިއަހަރުވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން ކަމަށެވެ.

"ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީއަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް އެހީތެރިވުމަށް، އެ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާނަން،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސްޓާޓަޕް ގްރާންޓަށް ހުށަހަޅަންޖެހޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ.

ބީއެމްއެލުން ބުނީ މި ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެ ކަމަށާއި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓުވި ފަރާތްތަކުން އެ ފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންވާނެ ކަމަށް ބުންޏެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފުކޮށްފައިވަނީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގްރާންޓުގެ އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސްއާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.