ޚަބަރު

ޗާގޯސް މައްސަލައިގައި ރައީސް އަމަލުކުރެއްވީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް، މަޝްވަރާއެއް ނުކުރޭ: ގާސިމް

ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަމަލުކުރައްވާފައިވަނީ، ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

މ. ކުނޫޒްގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ޗާގޯސް މައްސަލައާ ގުޅޭ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވުމުގައި ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އިސް ދައުރެއް އަދާކުރާތީއާއި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަމަލުކުރައްވާފައިވާ ގޮތުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްފައިނުވާތީ، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ސަރުކާރަށް ބާރު އެޅުމަށާއި ޖޭޕީގެ ވެރިކަމެއްގައި އެ މައްސަލަ އަލުން އިސްތިއުނާފުކުރުމަށެވެ.

އެ ގަރާރު ހުށަހެޅުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ގާސިމް ވަނީ އެކަމާ ގުޅޭގޮތުން އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފައެވެ.

ގާސިމް ވިދާޅުވީ، މީގެ ކުރިންވެސް ޗާގޯސް މައްސަލައިގައި އޭނާ ގެންގުޅުއްވާ ސްޓޭންޑް ހާމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ޖޭޕީ ވެސް ހިމެނޭ ގޮތަށް ހަތަރު ޕާޓީއެއްގެ މެދުގައި ކޯލިޝަން އެއްބަސްވުމެއް ހަދައިގެން ކަމަށާއި، އެ އެއްބަސްވުމުގައި މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމް ދީން ކަމާއި ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަން ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އެއިން އެއްވެސް ކަމަކަށް [ބަދަލެއް އަންނަ ކަމެއް] ކުރަން ވާނީ، އަޅުގަނޑުމެންގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވި، އެ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތަންދޭ ގޮތުން ކަމަށް ވާނީ، އެއްބަސްވެ ސޮއިކޮށްފައި. އެހެންވީމަ އެއާ [އެއްބަސްވުމާ] ހިލާފުވީ ހިނދު، އެ [ކޯލިޝަންގެ] އެއްބަސްވުން ނިންމާފައިވަނީ އަޅުގަނޑުމެންގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން ނުވަތަ ފުރަތަމަ އަގުލަބިއްޔަތުން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޗާގޯސްގެ މައްސަލަ އަލުން އެޖެންޑާކުރީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މިކަމުގައި އަލުން ޕާޓީން ގޮތެއް ނިންމުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ޗާގޯސް މައްސަލައިގައި އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފައެވެ. އެއާއެކު ފުށޫ އަރާ ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބުނު ނަމަވެސް ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ވަނީ ގެއްލިފައެެވެ.