ވޮލީ ބޯލް

ލަންކާ އަތުންވެސް ތިން ސެޓުން ބަލި، ރާއްޖެއަށް ދެން އޮތީ ރޭންކިން މެޗުތައް

ކަވާ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅުނު ފަހު މެޗުގައި މިއަދު ސްރީ ލަންކާ ކައިރިންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

ނޭޕާލްގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެއިން ފުރަތަމަ ކުޅުނު ދެމެޗުގައި ކަޒަކިސްތާނާއި އުޒްބެކިސްތާން އަތުންވެސް ބަލިވެފައިވާ އިރު، މިއަދުގެ މެޗުން ބަލިވެ ދެން ރާއްޖެއަށް ކުޅެން ލިބޭނީ ރޭންކިން މެޗުތަކެވެ.

ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއްވަނައަށް ދިޔައީ ތިން މެޗުން މޮޅުވި ކަޒަކިސްތާނެވެ. ދެވަނައަށް، ދެމެޗުން މޮޅުވި އުޒްބެކިސްތާނެވެ. ކަޒަކްސްތާނާއި އުޒްބެކިސްތާން ސެމީއަށް ދަތުރު ކޮށްފައިވާ އިރު، ތިންވަނައަށް ދިޔަ ލަންކާ އާއި މެޗަކުން ސެޓެއް ނުލިބި ހަތަރު ވަނައަށް ދިޔަ ރާއްޖެ ކުޅެން ޖެހޭނީ ރޭންކިން މެޗުތަކުގައެވެ.

ރޭންކިން ބުރުގައި ރާއްޖޭން މާދަމާ ކުޅޭނީ ގްރޫޕް އޭގެ ތިންވަނަ ކިރްގިސްތާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 1:45 ގައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ފެށީ ރަނގަޅަށެވެ. އެޓީމުން ރަނގަޅަށް ފަށައި، ފުރަތަމަ ނެގި ލީޑާއެކު ސެޓުގައި ދަމަހައްޓަމުން ގޮސްފައިވާ އިރު، ރާއްޖޭގެ ފަރާތުން އަމިއްލަ ގިނަ ގޯސްތަކެއްވެސް ފެނުނެވެ.

ސެޓުގެ މެދުތެރެއިން ރާއްޖޭގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނިގެން ގޮސްފައިވާ އިރު، 13-11 އަށް ލީޑު ފަރަގު ކުޑަވެސް ކުރިއެވެ. އެހެން ނަމަވެސް ލަންކާއިން ވަނީ ސެޓުގެ ފަހުކޮޅުގައި ކުޅުން ވަރުގަދަކޮށް 25-18 އިން ސެޓު ގެންގޮސްފައެވެ.

ދެވަނަ ސެޓުގައިވެސް ރާއްޖެއަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، ސެޓު ފެށިގެން ނިމެންދެންވެސް ލަންކާއިން ދިޔައީ ލީޑު ކުރަމުންނެވެ. މެދުތެރެއިން 12-6 ގެ ފަރަގަކުން ލަންކާ ލީޑު ކޮށްފައިވާ އިރު، ރާއްޖޭގެ ހަމަލާތައް ބްލޮކް ކުރުމުގައި ލަންކާ ތަފާތު ދެއްކިކަން ފާހަގަވެފައިވެއެވެ.

ދެވަނަ ސެޓު ފަރަގު ބޮޑުކޮށް، 25-13 އިން ލަންކާ ގެންގޮސްފައިވާ އިރު، ފަހު ސެޓުގައި ދިވެހި ޓީމުން ހިތްވަރުލައި، ސެޓު ހޯދުމާ ގާތަށްވެސް ޖެހިލިއެވެ. ސެޓުގައި ރާއްޖޭގެ އެޓޭކްތައް ރަނގަޅުކޮށް ފެނިގެން ގޮސްފައިވާ އިރު، 10-10 އިން އެއްވަރުކޮށް، ރާއްޖެއިން ވަނީ ސެޓުގައި 13-12 އިން ލީޑުވެސް ކޮށްފައެވެ.

އޭގެ ފަހުން ރާއްޖެއިން 18-16 ގައިވެސް ސެޓު ލީޑު ކޮށްފައިވާ އިރު، ނިމުމާ ހަމައަށްވެސް ދިޔައީ ދާދި ހަމަހަމަ ކޮށެވެ. ސެޓުގެ ފަހު ޕޮއިންޓްތައް ގާތް ގާތުން ދިޔަ އިރު، 24-24 ގައިވެސް އެއްވަރުވެ، ފުރުސަތުގެ ބޭނުންކުރަން ރާއްޖެއަށް ލިބުނެވެ. އެހެން ނަމަވެސް ފަހު ދެ ޕޮއިންޓްގައި ރަނގަޅު ދެ ހަމަލައި އުފައްދާ ލަންކާއިން 26-24 އިން ސެޓު ގެންގޮސް މެޗު ނިންމާލިއެވެ.