ސިނަ މާލެ ފުލެޓުތައް ތަޅާލައި އަލުން އިމާރަތްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި "ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ކަރުދާހަށް ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ ފައިނޭންޝިއަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު ވިދާޅުވީ ސިނަމާލެ އިމާރާތަށް މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ބޮޑު އަދަދެއްގެ ހަރަދެއް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަށެވެ.

ޑރ. ޝާހިދު ވިދާޅުވީ ސިނަމާލެ ފުލެޓުތައް އެންމެ ފަހުން މެއިންޓެއިންސް ކުރި އިރު، ފަސް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

ސިނަމާލެ ފުލެޓުތައް ތަޅާލައި އަލުން އިމާރަތް ކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވެއްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި އިމާރާތްކުރާ 700 އެޕާޓްމެންޓްގެ ތެރެއިން 128 އެޕާޓްމެންޓް ހާއްސަ ކުރާނީ މިހާރު ވެސް ސިނަމާލެ ފްލެޓް ލިބިފައިވާ މީހުން ރީލޮކޭޓް ކުރުމަށް ކަމަށާއި އެއަށްފަހު ދެވަނަ ފޭސްގައި ހެދުމަށް ހަމަޖެހިފައިވަނީ 800 އެޕާޓްމެންޓު ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ވަނީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގަައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ސިނަމާލެ ފުލެޓަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ޗައިނާގެ އެހީގައި އިމާރަތްކުރި ފުލެޓުތަކެކެވެ.