މޯލްޑިވިއަން ރީފޯމް މޫމަންޓް (އެމްއާރްއެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އެމްއާރުއެމްގައި ތިބި މެންބަރުންގެ އަދަދަކީ 2،981 އެވެ. ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަވާން ބޭނުންވަނީ 19 ފޯމެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެމްއާރްއެމްގެ މެންބަރުން ހަމަނުވާތީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ފޮނުވާފައިވެއެވެ. އެންމެ ފަހުން ނޯޓިސް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފަހަރު ދިން ތިން މަހުގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އިލެކްޝަން ކޮމިޝަންގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމުގައި 3،000 މެންބަރުން ހަމަނުވެގެން ސިޔާސީ ޕާޓީއެއް އުވާލަން ނިންމާފައިވާ ކަމަށެވެ. އެއީ ކޮން ޕާޓީއެއް ކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އެއީ އެމްއާރްއެމެވެ.

"މިއަދުގެ ޖަލްސާގައި ވަރަށް ހިތާމަވެރި އެހެން ކަމެއްވެސް ނިންމައިގެން އަޅުގަނޑުމެން މި އައީ. އެއީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެއް ޕާޓީއެއް އުވާލާފައި އަޅުގަނޑުމެން މިއައީ. އެއީ 3،000 މެންބަރުން ހަމަނުވެގެން އަޅުގަނޑުމެން ދިން ތިން މަސް ދުވަހުގެ ތެރޭގައި މެންބަރުން ހަމަނުވެގެން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެ ޕާޓީން 140 ފޯމު މިފަހުން ހުށަހެޅި ނަމަވެސް ފުރަތަމަ ޗެކިންގައިވެސް ސައްހަވީ 66 ފޯމު ކަމަށެވެ.

އެމްއާރުއެމްއަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމަނިކުފާނު 2005 ވަނަ އަހަރު ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. އެ ޕާޓީ ހިންގުމުގައި އޭރު ހުންނެވި ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ޑީއާރްޕީ ދޫކޮށްލައްވައި ޕީޕީއެމް އުފެއްދެވިއެވެ. ނަމަވެސް ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް ދޫކުރައްވަން މަޖުބޫރުވެވަޑައިގެން އެމްއާރްއެމް އުފެއްދެވީއެވެ.