ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' އިން އުފައްދާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ހުއްދަ ދީފިއެވެ.
ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އީސީން މިއަދު ވަނީ، އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމަށް ފަހު "ދަ ޑިމޮކްރެޓްސް"ގެ ބޭފުޅުންނާއެކު އީސީން މިހާރު ކުރިއަށްގެންދާ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، "ދަ ޑިމޮކްރޭޓްސް" ހެދުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ.
"ދަ ޑިމޮކްރެޓްސް" އަށް 3،000 މެންބަރުން ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މެންބަރުން ހަމަކޮށް، އީސީއަށް ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް ހުއްދަ ދޭނެއެވެ. އެ ޖަލްސާއަށް 300 މެންބަރުން ހާޒިރުވާންޖެހޭނެއެވެ.
"މި ބައްދަލުވުމުގައި ސިޔާސީ ޕާޓީއެއްގެ ނަމާއި އަސާސީ ގަވާއިދާއި ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރުމާއި ޕާޓީ ތަމުސީލުކުރުމަށް ވަގުތީ ގޮތުން މަސްއޫލިއްޔަތު އަދާކުރާނެ ފަރާތްތަކާއި މިކަހަލަ ކަންކަމަށް ބަލާނެ. ދެން މި ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަނަށް ދައުވަތު ދެއްވަންވާނެ،" ހަބީބް ވިދާޅުވިއެވެ.
އެމްޑީޕީން 12 މެންބަރުން ވަކިވި ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަލަށް އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފްވެސް ވަނީ "ދަ ޑިމޮކްރެޓުން" ރިޔާސީ ކެންޑިޑޭޓަރު ނެރޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު