Close
ޚަބަރު

ލުގާނޯ ބުނަނީ ވޯލްޑް ކަަޕަކީ ފީފާއިން މެސީއަށް ދިން ހަދިޔާއެއް ކަމަށް!

ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރީ ފީފާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންކަމަށް އުރުގުއޭގެ ކުރީގެ ތަރި ޑިއޭގޯ ލުގާނޯ ތުހުމަތުކޮށްފިއެވެ.

އުރުގުއޭގެ ގައުމީ ޓީމާއި ޕީއެސްޖީ އަދި ފެނަބާޗޭ އާއި ވެސްޓް ބްރޮމްވިޗްއަށްވެސް ކުޅެފައިވާ ލުގާނޯ ބުނެފައިވަނީ ވޯލްޑްކަޕުގައި އާޖެންޓީނާއަށް ލިބިފައިވާ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީއަކީ ފީފާއިން އާޖެންޓީނާއަށް ކޮށްފައިވާ ހަދިޔާކަމަށެވެ. އެއީ އެއްގޮތަކަށްވެސް ޕެނަލްޓީތަކެއް ނޫންކަމުގައެވެ.

ފީފާއިން އާޖެންޓީނާއަށް އެހީވީ ކޮންމެހެން އާޖެންޓީނާވެގެން ނޫންކަމަށާއި އެއީ ލިއޯ މެސީގެ މަޝްހޫރުކަމާއި މަގުބޫލުކަމަށްޓަކައި އޭނާއަށް ކޮށްފައިވާ ހަދިޔާއެެއް ކަމަށްވެސް ބުންޏެވެ. މައިކް ޓައިސަނާއި ޓައިގަރ ވުޑްސްއާއި ރޮޖާ ފެޑެރާ ކަހަލަ ދުނިޔޭގެ ކުޅިވަރުގެ ތަރިން މެސީގެ ފޮޓޯޖެހި ޓީޝާޓް ލައިގެން ތިބުމަކީ ފީފާއަށް ނިކަން ރަނގަޅަށް ޖެހެންވާކޮޅާއި ޖެހެންނުޖެހޭ ކޮޅު އެނގި ބަޔާންވާ ކަމެއްކަމަށްވެސް ލުގާނޯ ބުންޏެވެ.

ލުގާނޯއަކީ 2011 ވަނަ އަހަރުގެ ކޮޕާ އެެމެރިކާ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް އުރުގުއޭއަށް ތަށި ހޯދައިދިން ޓީމުގެ ކުޅުންތެރިއެކެވެ. އުރުގުއޭއަކީ އާޖެންޓީނާއާ އިންވެގެން އޮންނަ ގައުމަކަށްވިޔަސް ފުޓްބޯޅައިގައި އުރުގުއޭގެ އެންމެ ބޮޑު ވާދަވެރިޔަކީ އާޖެންޓީނާއެވެ. އެހެންވީމާ އުރުގުއޭގެ ކުޅުންތެރިން ވަރަށްގިނައިން އާޖެންޓީނާއަށް ފާޑުކިޔައިފައި ވާހަކަ ދައްކައެވެ.