މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، މާރާމާރީ ހިންގައި، މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަން އިއުލާންކުރި ރ. މަޑުއްވަރީ/ ދެތަނޑިމާގެ, އިބްރާހިމް ސަމީން (34އ) ހައްޔަރުކޮށްފިއެވެ.
އޭނާ ހޯދަން ފުލުހުން އިއްޔެ ފޮޓޯއާއި ވަނަވަރު އާންމުކުރީ މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ގްރޫޕަކުން މާލޭ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަމީން ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.