ކަވާ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާނު އަތުންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.
ނޭޕާލްގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެއިން އިއްޔެ ކުޅުނު މެޗުގައި ކަޒަކިސްތާނު އަތުންވެސް ސީދާ ތިން ސެޓުން ބަލިވެފައި އޮތް އިރު، މިއަދުގެ މެޗުން ބަލިވެ، މެޑަލްއަކަށް ކުރަމުންދާ އުންމީދަށް ވަނީ ހުރަސް އެޅިފައެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން މޮޅުވެއްޖެ ނަމަވެސް، ރާއްޖެއަށް ދެން ކުޅެން ޖެހޭނީ ރޭންކިން މެޗުތަކެވެ.
މިއަދުގެ މެޗުގައި ރާއްޖެ އަތުން ސެޓުތައް ގެއްލުނީ 25-18، 25-14 އަދި 25-4 އިންނެވެ.
މިއަދު މެޗު ރަނގަޅަށް ފެށީވެސް އުޒްބެކިސްތާނުންނެވެ. އެޓީމުން މެޗުގެ ކުރީކޮޅުގައި ރަނގަޅު އެޓޭކްތަކެއް ކޮށް، 10-6 ގެ ލީޑެއް ނެގި އިރު، އެހިސާބުން ރާއްޖެއިން ކުޅުން ރަނގަޅު ކޮށްލިއެވެ. ހައްވާ ރާޝިދާ (ހައްވަ) ގެ ރަނގަޅު އެޓޭކްތަކަކާ އެކު ރާއްޖެއިން އުޒްބެކިސްތާނާ ދެ ޕޮއިންޓަށް ސްކޯ ގާތްވެސް ކުރިއެވެ. އެއީ 10-12 އިންނެވެ.
އޭގެ ފަހުން ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތަކެއްވެސް ފެނިގެން ދިޔައެވެ. އަދި ހައްވަ ސާވިސްއަށް ގޮސް، ރަނގަޅަށް ސާވްކޮށް، 15-15 ގައި ރާއްޖެއިން ސެޓުގެ ނަތީޖާ އެއްވަރުވެސް ކުރިއެވެ. ރާއްޖެއިން ނަތީޖާ އެއްވަރުކޮށް ހަމަޖެހިލި ނަމަވެސް، އުޒްބެކިސްތާނުން އަނެއްކާވެސް ސެޓުގެ ފަހުކޮޅުގައި ރަނގަޅަށް ކުޅެ، 25-18 އިން ސެޓު ގެންދިޔައެވެ.
ދެވަނަ ސެޓުގެ ފެށުން ދާދި ހަމަހަމަކޮށް ދިޔަ ނަމަވެސް، ސެޓުގެ ތެރެއިން އުޒްބެކިސްތާނުން ރަނގަޅަށް މެޗަށް ވަންނަމުން ދިޔައެވެ. 8-4 ގެ ލީޑެއްގައި އުޒްބެކިސްތާނު ފުރަތަމަ ކޮޅުގައި އޮވެ ކުޅެމުން ދިޔަ ނަމަވެސް، ރާއްޖެއިން ވަނީ 9-10 އަކަށް ސްކޯގެ ފަރަގުވެސް ކުޑަކޮށްފައެވެ.
ރާއްޖެއިން ސެޓުގެ މެދާ ހަމައަށް އުޒްބެކިސްތާނަށް ފައިޓެއް ދެމުން ދިޔަ ނަމަވެސް، ދެވަނަ ސެޓުގައިވެސް ރަނގަޅަށް ޑިފެންސް ނުކުރެވި، އުޒްބެކިސްތާނުން ސެޓު ގެންދިޔައީ 25-14 އިންނެވެ.
ތިންވަނަ ސެޓުގައި މިރޭވެސް ރާއްޖޭގެ ޓީމަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ބޮޑު ފަރަގެއްގައި އުޒްބެކިސްތާނުން ސެޓު ލީޑުކުރަމުން ދިޔަ އިރު، އެޓީމުން 15-3 ގައިވެސް ސްކޯ ލީޑު ކޮށްފައިވެއެވެ. އަދި އެ ފޯމު ދަމަހައްޓައި، ސެޓު ގެންދިޔައީ 25-4 އިންނެވެ.