Close
ވޮލީ ބޯލް

ކާވާ ޗެލެންޖް ކަޕުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ މެޗުތައް އައިސް ޓީވީން ވަގުތުން ދައްކާނެ

ނޭޕާލުގައި އިއްޔެ ފެށި ކާވާ ޗެލެންޖް ކަޕް 2023 ގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅޭ ހުރިހާ މެޗެއްވެސް މީޑިއާނެޓްގެ ޗެނަލް 100، އައިސް ޓީވީން ވަގުތުން ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މުބާރާތުގައި ރާއްޖެއިން އިއްޔެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ބަލިވެފައިވާ އިރު، އެ މެޗުވެސް އައިސް ޓީވީން ވަނީ ދައްކައިފައެވެ. ދެން އޮތް މެޗުގައި މިއަދު ހަވީރު 5:45 ގައި ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅޭ މެޗުގައި މާދަމާ ރާއްޖެއިން ނުކުންނާނީ ވަރުގަދަ ސްރީލަންކާއާ ދެކޮޅަށެވެ.

މިއަދާއި މާދަމާ ކުޅޭ މެޗުވެސް އައިސް ޓީވީން ވަގުތުން ދައްކާ އިރު، މާދަމާގެ މެޗުވެސް ފަށާނީ މިއަދުގެ މެޗު އޮންނަ ގަޑީގައެވެ. އެއީ ހަވީރު 5:45 ގައެވެ.

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި މެލޭޝިއާ އާއި ސިންގަޕޫރާ ވާދަކޮށް ރާއްޖޭން ރިހި މެޑަލް ހޯދާފައިވާ އިރު، ޓީމުން މި ފަހަރުވެސް އުންމީދު ކުރަނީ މެޑަލްއަކަށެވެ. އިއްޔެގެ މެޗުން ބަލިވެފައި އޮތުމާއެކު މެޑަލް ހޯދަން ކުރާ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލާން ޖެހިފައެވެ.