ކަވާ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ކަޒަކިސްތާނު އަތުން ބަލިވެއްޖެއެވެ.
ނޭޕާލްގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެއިން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާނު އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ކަޒަކިސްތާނުން ގެންދިޔައީ 25-16، 14-25 އަދި 25-6 އިންނެވެ.
ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ރަނގަޅަށެވެ. ފުރަތަމަ ތިން ޕޮއިންޓް ހޯދައި 3-0 އިން ރާއްޖެއިން ލީޑު ނެގި އިރު، ސެޓު 15 ޕޮއިންޓާ ހަމައަށްވެސް ދިޔައީ ދާދި ހަމަހަމަކޮށެވެ. ރާއްޖެއިން ޝަހާ ޝާމިން އާއި ހައްވާ ރާޝިދާ (ހައްވަ) އަދި އައިޝަތު މާޖިދާގެ ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، 15 ޕޮއިންޓާ ހަމައިން ކަޒަކިސްތާނުން ބޮޑުތަނުން ތަފާތު ދެއްކިއެވެ.
އެޓީމުގެ ވަރުގަދަ އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، ސެޓުގެ ފަހުކޮޅުގައި ރާއްޖެ ފެނުނީ ޑިފެންސިވްލީ ދަށްކޮށެވެ. ރަނގަޅު ރިސީވްތަކެއްވެސް ނުދެވި 16-25 އިން ކަޒަކިސްތާނަށް ސެޓު ލިބުނު އިރު، ރާއްޖެއަށް ދެވަނަ ސެޓުގައި ލީޑެއް ހޯދުމަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.
ސެޓު ފެށިގެން ކަޒަސްތާނުން ލީޑުގައި ކުޅެމުންދިޔަ އިރު، ރާއްޖޭގެ އެޓޭކްތައް ކަޒަކިސްތާނުން ރަނގަޅަށް ބްލޮކްކޮށް، ލިބޭ ބޯޅައިގައި އެޓޭކްތައް ކުރިތަންވެސް ފެނުނެވެ. ސެޓުގެ ފަހުކޮޅަށް ގޮސް، 16-8 އިންވެސް ކަޒަކިސްތާނު ލީޑު ކޮށްފައިވާ އިރު، ސެޓު ގެންދިޔައީ 25-14 އިންނެވެ.
ތިންވަނަ ސެޓަށް ނުކުތްއިރު، ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑަށް ފޯމު ގެއްލިފައި ތިބި އިރު، ވަރުގަދަ ކަޒަކިސްތާނުން ވަނީ ސެޓުގެ ކުރީކޮޅުން ފެށިގެންވެސް ލީޑުގައި ކުޅެމުން ގޮސްފައެވެ. ރަނގަޅު ސާވިސްތަކެއް އެޓީމުގެ ފަރާތުން ތިންވަނަ ސެޓުގައި ފެނިގެން ގޮސްފައިވާ އިރު، 10-3 އިންވެސް ސެޓުގެ ކުރީކޮޅުގައި ލީޑުކުރިއެވެ.
އެ ލީޑުގައި ކަޒަކިންސްތާނުން މޮޅަށް ކުޅެމުން ދިޔަ އިރު، ރާއްޖެއިން އެންމެ އެޓޭކަކަށްވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. 15-3 އިންވެސް މެޗުގެ ތިންވަނަ ސެޓުގައި ކަޒަކިސްތާނުން ލީޑު ކޮށްފައިވާ އިރު، ސެޓު ގެންދިޔައީ 25-6 އިންނެވެ.
ރާއްޖެއިން ކާވާ ޗެލެންޖް ކަޕް 2023ގެ ގްރޫޕް ސްޓޭޖުގައި ދެން ކުޅެން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މާދަމާ އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ބުދަ ދުވަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.