ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރިކުރާ ނަމަ، ވިޔަފާރީގެ ހުއްދަ ބާތިލުކޮށް، 100،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ގަވާއިދު ހަދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" ގައި ބުނީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު" ގެ ދަށުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭގޮތަށް، އެއްވެސް ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.
"އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" ވަނީ ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް ކަނޑައެޅޭނެ ހާލަތްތައް ބަޔާންކޮށްފައެވެ. އެގޮތުން އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް ކަނޑައެޅޭނެއެވެ.
އެފަދަ ހާލަތެއްގައި ވިޔަފާރިއަކަށް ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ބިދޭސީއަކު އޭނާގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ އިރު އަދި ރާއްޖެއިން ބޭރަށް ފައިސާ ގެންދިއުމަށް އެދޭ ކޮންމެ ހާލަތެއްގައި، އެ ފަރާތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއާކޮށްފައިވާ އަދަދާ ނުބައްދަލު މުއާމަލާތްތައް ހުއްޓުވައި، އެފަދަ މުއާމަލާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މުއާމަލާތްތަކެއްގެ ގޮތުގައި ޝައްކުކުރެވޭނަމަ އެފަދަ މުއާމަލާތްތައް "މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު" ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެންގުމަކީ ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރި ބޭންކުތަކުގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.