ޚަބަރު

ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހުޅުމާލޭގެ ފްލެޓެއް ކައިރީގައި ހަތަރު މީހުންގެ ގްރޫޕަކުން ވަނީ އޮފް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގައިފައެވެ.

އެ ހަތަރު މީހުން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން، އެމީހުން ހައްޔަރު ކުރީ ފިލަން ވަން އެޕާޓްމަންޓުގެ ދޮރު ފަޅާލާފައި ވަނުމަށްފަހުއެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފައިވެއެވެ. ނަމަވެސް އެ ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އަދި 42 އަހަރުގެ މީހާ އާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދިން އިރު، 10 ސެޕްޓެމްބަރު 2022 ގައި މާލެ މަގުމަތިން ތިން ފުލުހަކަށް ހަމަލާދީފައިވެއެވެ. އޭގެ ހަފުތާއެއް ފަހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ގްރޫޕަކުން ވަދެ ފުލުހުންތަކަކަށް މަރުގެ އިންޒާރުވެސް ދިނެވެ.