އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާއާއެކު މަސައްކަތް ކުރި އޭނާގެ އެކުވެރިއެއް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާއެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި ނަރުހެއްގެ ހެކިބަސް ނަގައިފައެވެ. އޭނާއަކީ މޭރީގެ ގާތް އެކުވެރިއެކެވެ.
ހެކިވެރިޔާ ބުނި ގޮތުގައި މާވިންއާއި ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީއަށް އެނގުނީ މާވިންގެ ފޯނު ބެލުމުން ކަމަށް މޭރީ ބުނެފައިވާ ކަމަށެވެ. އަދި މޭރީއާ ދެކޮޅަށް ލަމްހާ ފުލުހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ ފުލުހަކު މޭރީއާ ވަކިން ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމަށްފަހު މޭރީއާއި މާވިންގެ ގުޅުން ރަނގަޅުވި ކަމަށް ބުންޏެވެ.
ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ މޭރީ މަރުވި ދުވަހުވެސް އެކުގައި މަސައްކަތް ކުރި ކަމަށް ބުނެފައެވެ. އަދި މެންދުރު ބްރޭކަށް ދިއުމަށްފަހު އޭގެ ފަހުން އޭނާގެ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ މާވިން ކަމަށާއި މޭރީގެ މަރާ ގުޅޭ ގޮތުން ސުވާލުކުރުމުން މޭރީ ދަންޖެހުނީ ކަމަށް ހެކިވެރިޔާ ގާތު މާވިން ބުނި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
ނަމަވެސް ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެ މައްސަލާގައި މިއަދު ވަނީ އިތުރު ދެ މީހެއްގެ ހެކިބަސްވެސް ނަގައިފައެވެ. އެއީ މޭރީގެ ހަށިގަނޑު ގެންދިއުމުން ފަރުވާ ދޭން މަސައްކަތް ކުރި ޑޮކްޓަރާއި ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެކެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާވެސް ބާއްވާނެއެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު