އެއްބަސް ނުވެވޭ ކަންކަން ހުރި ނަމަވެސް، ރިޔާސީ އިންތިހާބާ ގުޅިގެން 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކުރަން ފެށި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް އެ ފެކްޝަނުން އުފައްދާ ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީ އާއެކު މަސައްކަތް ކުރަން ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. ފިކުރެއްގެ ދިރުމުން ބައެއް ކަންކަން ޖޭޕީއަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް އެކަމާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދެކޮޅުވުމުން ފިރުކުރެއްގެ ދިރުމާއި ޖޭޕީއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ "ދަ ޑިމޮކްރޭޓްސް"ގެ ސްޕޯކްސް ޕާސަން އަދި އެލްޖީއޭގެ ކުރީގެ ރައީސާ އަފްޝަން ލަތީފް ވިދާޅުވީ، ޖޭޕީއަށް ފިކުރެއްގެ ދިރުމުގެ ފެކްޝަނުން ހުށަހެޅި ކަންކަން އަނބުރާ ނުގެންނަ ކަމަށާއި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
"ބަރުލަމާނީ ނިޒާމަށް ޖޭޕީގެ ތެރެއިންވެސް ތާއީދުކުރައްވާ ބޭފުޅުންވެސް އެބަ ތިއްބެވި. ޕީޕީއެމްގައިވެސް ތާއީދުކުރައްވާ ބޭފުޅުން އެބަ ތިއްބެވި. އެ ނިޒާމަށް އެކްޓިވްލީ ލޮބީކުރައްވާނެ ބޭފުޅުންވެސް އެހެން ޕާޓީތަކުގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ އެ ބޭފުޅުންނާއެކު ވަކި މަސައްކަތެއް ގޮތުގައި ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ނަމަވެސް އެއީ އަދި ޑީލްބްރޭކާއެއް ނޫން" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، ޖޭޕީ އާއެކު އެއްބަސްވެވޭނެ ކަންކަމާއި އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެއްބަސް ނުވެވޭ ކަންކަމުގައި އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ. އަދި ސިޔާސީ މަޝްވަރާއަކީ ހުއްޓޭނެ މަޝްވަރާތަކެއް ނޫން ކަމަށާއި ޖޭޕީ ނޫން އެހެން ޕާޓީތަކާއެކުވެސް މަޝްވަރާތައް ކުރެވޭ ކަމަށް ވިދާޅުވިއެވެ.