Close
ޚަބަރު

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް (އެމްއެމްއައިއެފް)ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

އެމްއެމްއައިއެފްގެ މައިގަނޑު މަސްއޫލިއްޔަތަކީ މަޝްވަރާއަށް މަގުފަހިކުރުމާއި ގޮންޖެހުންތައް ހައްލުކޮށް، މުސްތަގުބަލުގައި މެރިން ސިނާއަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ކަންކަމަށް މަގުފަހިކޮށްދިނުމެވެ.

އެގޮތުން މިއީ މަތީ ފެންވަރުގެ ނިންމުންތައް ނިންމާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ބޮޑު ހަރަކާތެކެވެ. ފޯރަމްގެ ތެރެއިން ކަނޑުގެ ސިނާއަތުގެ މައްސަލަތަކާ ގުޅޭ ތަފާތު ފަސް ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދާނެއެވެ. މި ޕެނަލްތަކުގައި ބައިވެރިވެޑައިގަންނަވާނީ މި ސިނާއަތުގެ އެންމެ ފުންނާބު އުސް ފަރާތްތަކެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި ބޯޓިން އެމްވީން އެންޑޯޒް ކޮށްފައިވާ މި ހަރަކާތް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ.

އެމްއެމްއައިއެފް އިންތިޒާމުކުރާ މީޑިއަމް އިވެންޓްސް އިން ދަނީ ރާއްޖޭގައި މިގޮތަށް އެންމެ ފުޅާކޮށް ބާއްވާ މި ފޯރަމްގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ފޯރަމްގެ ސިލްވާ ސްޕޮންސަރަކަށް ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް ހަމަޖައްސާފައިވާއިރު ޕްރިންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެމް7 ޕްރިންޓްއެވެ. އަދި ފޯރަމްގެ މީޑިއާ ޕާޓްނަރުންގެ ތެރޭގައި "ވަން" އޮންލައިން ހިމެނެއެވެ.