ޚަބަރު

ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖަށް ދިއުމަށް ހާއްސަ ޗުއްޓީއެއް

މުހައްމަދު އިޝާން

3

ސިޔާސީ ވަޒީފާތަކުގައި ތިބޭ މީހުންނަށް އުމްރާ އާއި ހައްޖަށް ދިއުމަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު" އަށް އިސްލާހު ގެނެސްފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި އެ އިސްލާހުގައިވާ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް މުސާރަ ހިނގާ ގޮތަށް ހައްޖަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި އެ މަގާމުތަކުގައި ތިބޭ މީހުންނަށް މުސާރަ ހިނގާ ގޮތަށް 15 ދުވަހުގެ ޗުއްޓީއެއް އުމްރާގެ އަޅުކަމަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން ލިބޭނެއެވެ.

"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު" ގައިވާ ގޮތުން އެގޮތަށް މުސާރަ ހިނގާ ގޮތަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ޗުއްޓީ ނެގޭނީ އެއް ފަހަރުއެވެ.

"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް 2012 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވީ ނަމަވެސް، ޗުއްޓީ ދިނުމުގެ ކަންކަމުގައި އަހަރު ގުނަން ފަށާނ،ީ މުވައްޒަފު ސިޔާސީ މަގާމަށް އައްޔަންކުރި ފެށި ދުވަހުން ފެށިގެންނެވެ.

ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރާނަމަ މުސާރަ ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް 30 ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. ނަމަވެސް އުމްރާއަށް ދާނަމަ، ޗުއްޓީއެއް ނުލިބެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟