ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ފުލުހުން މިއަދުކުރި އިއުލާނެއްގައި ބުނީ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ ކޯންސްޓަބަލުންގެ މަގާމަށް ކަމަށެވެ. އެ މަގާމުގެ މުސާރައަކީ 11،810 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 4،650 ރުފިޔާ، ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ 5،000 ރުފިޔާ އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސަންޓް ކަމަށް ފުލުހުން ބުންޏެވެ. އަދި ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ފަރާތަކަށްވުމުގެ އިތުރުން ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށްވާން ޖެހޭނެއެވެ. ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާންވާނެއެވެ.

މީގެ އިތުރުން އެމީހަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެއެވެ. އެމީހަކީ ފިރިހެނެއް ނަމަ، ކުރުވެގެން ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވެސް ވާން ޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރަށްރަށުގެ ޕޮލިސް ސްޓޭޝަނުންނާއި ޕޮލިސް ހެޑް ކުއާޓާއިން ފޯމް ލިބެން ހުންނާނެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައި ގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން 4:00 އަށް ކަމަށް ފުލުހުން ބުންޏެވެ.