ކޮންޓްރެކްޓް އުސޫލުން މަސައްކަތެއް ކޮށްދިން އަމިއްލަ ކުންފުންޏަކަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓައި، އެމްޑަބްލިޔުއެސްސީގެ ބައެއް މުވައްޒަފުން ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ޑިމާންޑް ކުރި ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގެ ބޭނުމަށް "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ތައްޔާރު ކޮށްދިން ނަމަވެސް އޭގެ ބަދަލުގައި ލިބެންޖެހޭ ފައިސާ ނުދީ، އެ ކުންފުނީގެ އައިޓީ މެނޭޖަރުން "ކަޓް" ހޯދަން އުޅޭ ކަމަށް ބުނެ، ޕާޓިކަލްސް ކިޔާ ކުންފުންޏަކުން ވަނީ ޓުވީޓެއްކޮށްފައެވެ.
އެ ޓުވީޓުގައިވާ ގޮތުގައި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ވަނީ އެމްޑަބްލިޔުއެސްސީގައި އާދޭސް ކުރަން ޖެހިފައެވެ.
އެ ޓުވީޓާ ގުޅިގެން އެމްޑަބްލިޔުއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިނުވާ ކަމާއި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެއްބަސްވުމުގައިވާ ގޮތަށް ޕާޓިކަލްސްގެ ބިލަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ.
އަދި އެ ކުންފުންޏާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް މީޑިއާގައި ފެތުރުމަކީ އެ ކުންފުންޏާ މެދު އާންމުންގެ ތެރޭގައި އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި ކުންފުނީގެ ނަން ކިލަނބު ވެގެންދާނެ ކަމެއް ކަމުން އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.