އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައިއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގުގައި ބައިވެރިވި ދެ އޮފިސަރެއްގެ ހެކިބަހާއި ލަމްހާގެ އެކުވެރިއެއްގެ ހެކިބަހެވެ.
- މުހައްމަދު މުބީން (ލަމްހާގެ އެކުވެރިއެއް، ފުލުހެއް)
- މަރިޔަމް ލައުޒާ (އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް)
- އާދަމް މުހައްމަދު (ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް)
ހެކިބަސް ދެމުން މުބީން ބުނެފައިވާ ގޮތުގައި މޭރީ މަރުވި ދުވަހު ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަދި އޭނާގެ މޫނުމަތިން ދެރަވުމުގެ ނުވަތަ މާޔޫސްކަމުގެ އަސަރެއް ނުފެންނަ ކަމަށް ބުނެފައިވެއެވެ. އަދި މޭރީގެ މަރަށް ފަހު ތަހުގީގަށް ވާނެ ގޮތް އެހުމަށް ލަމްހާ އޭނާއަށް އެތައް ފަހަރަކު ގުޅާފައިވާ ކަމަށްވެސް ހެކިބަސް ދެމުން މުބީން ބުނެފައިވެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ. ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.
ޚަބަރު
ޚަބަރު
ޚަބަރު