އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 47

އަބްދުﷲ ފާރޫގް ހަސަން

(12 އޭޕްރީލްގެ އަދަދާ ގުޅޭ)

أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަވަހާރަވިގޮތަކާމެދު ދެރިވާޔަތެއް އައިސްފައިވެއެވެ. އެއްރިވާޔަތަކީ އެކަލޭގެފާނު ޝަހީދުވީކަމުގައި އައިސްފައިވާ ރިވާޔަތެވެ. ނަމަވެސް މިފަހަކަށްއައިސް އިސްލާމީ ތާރީޚާއި ޞަޙާބީންގެ ޙަޔާތްޕުޅާ ބެހޭގޮތުން ފުރިހަމަ ދިރާސާތަކެއް ކުރައްވައިގެން ލިޔުއްވި ދެބޭކަލެއްކަމުގައިވާ مــــــولانــا شــاه مـعــين الــدّيــــن أحمــد نـــدوى އާއި مــــــولانــا طــالــب الــهــاشـمــى ލިޔުއްވާގޮތުގައި އެކަލޭގެފާނު ޝަހީދުވީކީ ނޫނެވެ. އަވަހާރަވީއެވެ. شــاه مـعــين الــدّيــــن ލިޔުއްވައިފައިވެއެވެ.

"أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވީ އެ މުޙާޞަރާގެ ތެރޭގައެވެ. އެކަލޭގެފާނުގެ ހާލުކޮޅު ސީރިޔަސްވުމުން أمـيـــــر يـــزيــد އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. يـــزيــد بـــن مــعـــاويـــــة އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. ވަޞިއްޔަތެއް އޮތްކަމުގައިވާނަމަ ވިދާޅުވާށެވެ. أبــــو أيّـــوب ވިދާޅުވިއެވެ. "އަޅުގަނޑު މަރުވުމުން ދުޝްމިނުންގެ ބިމުން ކުރިޔަށްވަޑައިގެންވޭންއޮތް ހިސާބަކަށް ކުރިޔަށް ވަޑައިގެންފައި އަޅުގަނޑު ވަޅުލައްވާށެވެ." އެކަލޭގެފާނު ފަސްދާނުލެވުނީ އެ ވަޞިއްޔަތާ އެއްގޮތަށެވެ." (ތާރީޚެ އިސްލާމް، ޝާހު މުޢީނުއްދީން އަޙްމަދު ނަދުވީ)

مــــــولانــا طــالــب الــهــاشـمــى ލިޔުއްވައިފައިވެއެވެ.

"މުސްލިމުން ޤުސްޠަންޠީނިއްޔާގެ ޙިޞާރުގައި ތިބިދުވަސްވަރު ޔޫރަޕުގެ އާބުހަވާގެ ސަބަބުން މުސްލިމުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރުވަމުންދިޔައެވެ. ނަތީޖާއެއްގެގޮތުން ވަރަށްގިނަ ޢަދަދެއްގެ މުޖާހިދުން އާލާސްކަންފުޅާވިއެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި މުސްލިމުންނަށް ކުރިމަތިވީ ޢާންމު ވަބާއެކެވެ. އެއީ ގޮހޮރަށްޖެހޭ ކޮންމެވެސް ބާވަތެއްގެ ބައްޔެކެވެ. އެބަލީގެ ސަބަބުން ވަރަށްބޮޑަށް ބޭރަށް ހިންގައެވެ. ވަރަށްގިނަ މުޖާހިދުން އެވަބާގައި އަވަހާރަވިއެވެ. أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަށްވެސް އެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ގަދަވެވަޑައިގަތުމާމެދު އުންމީދުކެނޑޭ ހިސާބަށް ދިޔުމުން أمـيـــــر يـــزيــد بـــن مــعـــاويـــــة އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނުގެ އެއްވެސް ވަޞިއްޔަތެއް އޮތްކަމުގައިވާނަމަ ވިދާޅުވާށެވެ."

أبــــو أيّـــوب رضــى اللّـــه عـــنــــه ވިދާޅުވިއެވެ. "އަޅުގަނޑު މަރުވުމުން މުސްލިމުންނަށް އަޅުގަނޑުގެ ސަލާމް ވިދާޅުވެދެއްވާށެވެ. އެބައިމީހުންގާތު ވިދާޅުވެދެއްވާށެވެ. رســـول اللّــــه صـلّـــــى اللّـــه عــلـيــــه وسـلّـــــم ޙަޛީޘްކުރައްވަނިކޮށް އަޅުގަނޑު އަޑުއެހީމެވެ. މީހަކު މިޙާލަތުގައިއޮވެ މަރުވެއްޖެކަމުގައިވާނަމަ އެމީހަކީ އެއްކައުވަންތަ اللّـــه އާ އެހެންފަރާތަކާ ޝަރީކު ނުކުރާ މީހެއްކަމުގައިވާނަމަ އެމީހަކަށް ސުވަރުގެ ލިބޭނެއެވެ. އަޅުގަނޑުގެ ޖަނާޒާއާއިގެން ޢަދުއްވުންގެ ބިމުން ކުރިޔަށް ވަޑައިގެންނެވޭންއޮތް އެންމެ ދުރަކަށް ކުރިޔަށްވަޑައިގެންފައި އެހިސާބެއްގައި އަޅުގަނޑު ވަޅުލައްވާށެވެ."

أبــــو أيّـــوب رضــى اللّـــه عـــنــــه ގެ ވަޞިއްޔަތް ފުރިހަމަކުރައްވާނެކަމަށް يـــزيــد ވަޢުދުވެވަޑައިގެންނެވިއެވެ. އެއަށްފަހު أبــــو أيّـــوب رضــى اللّـــه عـــنــــه ގެ ޠާހިރު ފުރާނަފުޅު ޢާލަމުލްއަރްވާޙަށް އުދުހިގެން ހިނގައްޖެއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވީ أمـيـــــر يـــزيــد بـــن مــعـــاويـــــة އެވެ. ކަށުނަމާދުން ނިމިވަޑައިގަތުމުން އިސްލާމީ މުޅި ލަޝްކަރު ހަތިޔާރު އަޅައިގެން ނުކުމެ أبــــو أيّـــوب ގެ ހަށިކޮޅު ޤުސްޠަންޠީނިއްޔާގެ ރަށްބޭރު ފާރުދޮށަށް ގެންދިޔައެވެ. މުސްލިމުންގެ އެ އަގުމާތް ބަޠަލު ފަސްދާނުލެވުނީ އެރަށުގެ ބޭރު ފާރުދޮށުގައެވެ.

އަލްޢަޤްދުލްފަރީދުގައި ބަޔާންވެފައިވެއެވެ. أبــــو أيّـــوب رضــى اللّـــه عـــنــــه ފަސްދާނު ލެވުނުރޭ މުސްލިމުން މާބޮޑަށް ހޭލަމޭލަވެ އުޅުނު ޚަބަރު ޤައިޞަރަށް ލިބިވަޑައިގަތުމުން އިސްލާމީ ލަޝްކަރަށް ޤާޞިދަކު ފޮނުއްވައި ޚަބަރު އޮޅުންފިލުއްވެވިއެވެ. މުސްލިމުން ޤައިޞަރަށް ޖަވާބު އެރުވިއެވެ. އަހަރެމެންގެ މާތް ނަބިއްޔާ محمّـــد صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ވަރަށް އަރިސް ޞަޙާބީއަކު ރޭގައި އަވަހާރަވެއްޖެއެވެ. އަހަރެމެން އެކަލޭގެފާނު ފަސްދާނުލީއެވެ. ޤައިޞަރު ޚަބަރު ފޮނުއްވިއެވެ. ތިޔަބައިމީހުން ފުރައިގެންދާއިރަށް އަހަރެމެން އެކަލޭގެފާނުގެ މަހާނަފުޅުކޮނެ ހަށިކޮޅު ނަގައިފައި ކަށިކޮޅުތައް އުކައިލާނޫއެވެ.

ޤައިޞަރުގެ އަދަބެއް ސަދަބެއްނެތް މެސެޖު ލިބުމުން މުސްލިމުންގެ ލޭ ކެކިއުތުރިގަތެވެ. أمـيـــــر يـــزيــد بـــن مــعـــاويـــــة ޤައިޞަރަށް ޚަބަރު ފޮނުއްވިއެވެ. "މާތް اللّــــه ގަންދެމެވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މަހާނަފުޅަށް ތިޔަކަހަލަ އެއްވެސް އިހާނެތިކަމެއް ކޮށްފިކަމުގައިވާނަމަ މުސްލިމުންގެ ވެރިކަމުގެ ދަށުގައިވާ ސަރާސަރު ބޮޑު ސަރަޙައްދުގައިހުރި ޢީސާއީންގެ ހުރިހައި ފައްޅިތަކެއް ބިމާހަމަކޮށްލާނަމެވެ. ޢީސާއީންގެ ޤަބުރުތައް ކޮނެފައި އުކައިލާނަމެވެ."

يـــزيــد ގެ އިންޒާރުން އޭނާ ބޭނުންފުޅުވި ނަތީޖާ ލިބިވަޑައިގެންނެވިއެވެ. ޤައިޞަރު ޚަބަރު ފޮނުއްވިއެވެ.

"އަހަރެމެން ތިޔަބައިމީހުންގެ ދީނީ ޣީރަތާއި، ޖޯޝު އިމްތިޙާނުކޮށްލީއެވެ. ބިކުރުވެރި مـــــريـــم ގަންދީ ބުނަމުއެވެ. އަހަރެމެން ތިޔަބައިމީހުންގެ ނަބިއްޔާގެ ޞަޙާބީގެ މަހާނަފުޅަށް ކަމޭހިތާނޫއެވެ. ފާރަވެރިވެ ރައްކައުތެރިކޮށް ބަލަހައްޓާނޫއެވެ."

މުއައްރިޚުން ވިދާޅުވާގޮތުގައި ރޫމީން ޙަޤީޤަތުގައިވެސް އެބައިމީހުންގެ އަޙްދަށް އިޙްތިރާމު ކުރިއެވެ. އެއްރިވާޔަތެއްގައިވާގޮތުން أبــــو أيّـــوب رضــى اللّـــه عـــنــــه ގެ މަހާނަފުޅު އެތެރެޔަށް ލައްވައި އެންމެފުރަތަމަ ޒިޔާރަތެއް ހެއްދެވީ ޤައިޞަރެވެ.

إبـــن ســعـــد ގެ ޠަބަޤާތުގައިވެއެވެ. ތަދުމަޑުކަމުގެ ދުވަސްވަރު ރޫމީ ޢީސާއީން أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ޒިޔާރަތްޕުޅުދޮށަށް ދެއެވެ. އެކަލޭގެފާނު ވަސީލަތަކަށް ހަދައިގެން ވާރޭވެއްސެވުންއެދި ދުޢާކުރެއެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ރަސޫލާގެ މޭޒުބާނުގެ ނަންފުޅުގެ ޙުރުމަތް ދަމަހައްޓަވައިދެއްވައެވެ. އެބައިމީހުންގެ މުރާދު ފުރިހަމަކޮށްދެއްވައެވެ.

أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه އަވަހާރަވުމުން މުސްލިމުން ޤުސްޠަންޠީނިއްޔާގެ ޙިޞާރު ދޫކޮށްލައިފައި ފުރައިގެން އަތުވެއްޖެއެވެ. އެރަށް ފަތަޙަކުރެއްވުމުގެ ޝަރަފު ލިޔެވިފައިވަނީ سـلطـــان محمّـــد الــفــاتــــح ގެ ނަސީބުފުޅުގައެވެ. އެރަށް ފަތަޙަވީ أمـيـــــر مــعـــاويـــــة ގެ ޙަމަލައިގެ ގާތްގަނޑަކަށް އަށެއްކަސަތޭކަ އަހަރުފަހުންނެވެ. އޭރު أبــــو أيّـــوب رضــى اللّـــه عـــنــــه ގެ ޒިޔާރަތްޕުޅުވަނީ ޒަމާނުގެ ފުރޮޅުންތަކާއެކު ވީރާނާވެ ބިމާހަމަވެގޮސްފައެވެ. ކައުސާހިބާގެ މޭޒުބާންގެ ހަށިކޮޅު ފަސްދާނުވެޑުވިފައިވީތަނެއް އެނގޭ މީހަކުވެސްނެތެވެ. ހިޒުރައިން 857 ގައި سـلطـــان محمّـــد الــفــاتــــح ގެ އަމުރުފުޅަށް أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ މަހާނަފުޅު ހޯދުނެވެ. މިކަމާބެހޭގޮތުންވެސް ދެރިވާޔަތެއް އޮވެއެވެ.

އެއްރިވާޔަތެއްގައިވާގޮތުން سـلطـــان الــفــاتــــح އިސްތަންބޫލު ޙިޞާރުކުރެއްވުމަށްފަހު އެންމެފުރަތަމަ ކަމަކަށް ހެއްދެވީ ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ މޭޒުބާނުގެ މަހާނަފުޅު ހޯއްދެވުމެވެ. އެމަނިކުފާނުގެ މުރްޝިދު އަދި ތުރުކިޔޭގެ مـفـــتى أعـظـــــم آغــا شمــس الّــديــــن އަށް އެކަމަށް އަމުރުކުރެއްވިއެވެ. آغــا شمــس الّــديــــن އެތައް ހޯއްދެވުމަކަށްފަހު މަހާނަފުޅު ފާހަގަކުރެއްވިއެވެ. އެމަހާނަފުޅުގެ ބޯލާކޮޅުން ދެތިން ފޫޓެއްގެ ދުރުން ބިންގަނޑު ކޮންނާން އެންގެވިއެވެ. سـلطـــان الــفــاتــــح އަށް ޔަޤީންކަން އެރުވުމުގެ ގޮތުންނެވެ. އެތަނުން ފެނުނު ހިލައެއްގައި އިބްރާނީ ބަހުން އެމަހާނަފުޅަކީ أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ މަހާނަފުޅުކަމުގައި ލިޔެވިފައިވާތީ ފެނުނެވެ. އެމަހާނަފުޅު ފެނުމަކީ سـلطـــان الــفــاتــــح އަށާއި މުސްލިމު ސިފައިންނަށް އިތުރު ހިތްވަރާއި ފަންވަރު ލިބުނުކަމެކެވެ. ދެވަނަ ރިވާޔަތުގައިވާގޮތުން سـلطـــان الــفــاتــــح އެމަހާނަފުޅު ހޯދާން އަމުރުކުރެއްވީ އިސްތަންބޫލު ފަތަޙަކުރެއްވުމަށްފަހުގައެވެ. أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ މަހާނަފުޅުހުރި ސަރަޙައްދު މިހާރު ފާހަގަކުރެވެނީ މަންޠިޤާ އައްޔޫބުގެ ނަމުންނެވެ. އެ މަންޠިޤާއަކީ އިސްތަންބޫލުގެ އެންމެބޮޑު ތިން މަންޠިޤާއިންކުރެ އެއް މަންޠިޤާއެވެ.

سـلطـــان محمّـــد الــفــاتــــح އިސްތަންބޫލް ފަތަޙަކުރެއްވުމަށްފަހު أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ޒިޔާރަތްޕުޅު ވަރަށް ފުރިހަމަޔަށް ހެއްދެވިއެވެ. އެ ޒިޔާރަތާ އިންވެގެން ވަރަށްފުރިހަމަ ރީތި ބޮޑު މިސްކިތެއް ބިނާކުރެއްވިއެވެ. ނުހަނު ރީތި ހައިބަބޮޑު މުންނާރަކާ އެކުގައެވެ. جــامــــع أيّـــوب سـلطـــان އަކީ އެ މިސްކިތެވެ. އެ މިސްކިތް ބިނާކުރައްވައި ނިމުމުން سـلطـــان الــفــاتــــح ރަސްމީގޮތުން އެމިސްކިތަށް ޒިޔާރަތްކުރެއްވިއެވެ. އެއީ ހުކުރު ދުވަހެކެވެ. ހުކުރުނަމާދުން ނިމިވަޑައިގެންނެވުމުން އޭރުގެ ތުރުކިޔޭގެ مـفـــتى أعـظـــــم، ޝައިޚުލްޢަޞްރު آغــا شمــس الّــديــــن، سـلطـــان الــفــاتــــح ގެ އުނަގަނޑުފުޅުގައިއޮތް ކަމަރުކޮޅުގައި ކަނޑިކޮޅެއް އަޅުއްވައިދެއްވިއެވެ. އެކަނޑިކޮޅަކީ ތުރުކިޔޭގެ ޢުޘްމާނީ ދައުލަތުގެ ބާނީ عـثمــان غــازى ގެ ކަނޑިކޮޅެވެ. އެދުވަހަށްފަހު އެކަންވެފައިވަނީ ތުރުކިޔޭ ރަސްކަމާ ގުޅިފައިވާ ވަރަށް މުހިންމު އާދަޔަކަށެވެ! ރަސްކަމަށް ކޮލިލުންފަދަ ކަމަކަށެވެ!

ކުރީންވެސް ދަންނަވައިފައިވާ ފަދައިން ޢުޘްމާނީ ރަސްރަސްކަލުންގެ އިސްތަށިފުޅުގައި ތާޖު ތުރުކުރަނީ ޓޮޕްކާޕީ ސަރާއޭގެ ކުރިމަތީގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދިދަކޮޅު ޖެހުމަށްފަހު އެދިދަކޮޅުގެ ހިޔަލުގައެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމުގެ ރަސްމިއްޔާތު ނިމެނީ جــامــــع أيّـــوب سـلطـــان ގައި އޮންނަ "ޙަފްލަތުއްޞައިފު" އިންނެވެ. އެރަސްމިއްޔާތު ބާއްވަނީ ހުކުރު ދުވަހެއްގައެވެ. ހުކުރުނަމާދަށް ފަހުގައެވެ. ތުރުކިޔޭގައި އޭރަކު ހުންނަވާ މުފްތީއަކު ރަސްކަމަށް އިސްކުރެވުނު ބޭފުޅެއްގެ ކަމަރުކޮޅުގައި عـثمــان غــازى ގެ ކަނޑިކޮޅު އަޅުއްވައިދެއްވުމުންނެވެ. މިކަމަކީ ތުރުކިޔޭގައި ރަސްކަމަށް ކޮލިލުމާ އެއްމާނައެއްގައި ހިނގަމުން އައިކަމެކެވެ. މިކަން ހުއްޓުނީ مـصـطـفــــى كمــال ތުރުކިޔޭގެ ރަސްކަން އުވާލައްވައި ސެކިއުލަރ ޖުމްހޫރިއްޔާއެއް އުފެއްދެވުމުންނެވެ.

މިތާނގައި ފާހަގަކޮށްލާންޖެހޭ ކަމެކެވެ. މިހާރު އެހެރަ جــامــــع أيّـــوب سـلطـــان އަކީ سـلطـــان محمّـــد الــفــاتــــح ބިނާކުރެއްވި މިސްކިތެއް ނޫނެވެ. އެމިސްކިތްވަނީ 1766މ. ގައި އައި ބިންހެލުމެއްގައި ފުނޑުފުނޑުވެފައެވެ. މިހާރު މިހިރަ މިސްކިތަކީ އެހިތާމަވެރި ހާދިސާއަށްފަހު سلطـــان ســلـيــم (ތިންވަނަ) ޢިމާރާތްކުރެއްވި މިސްކިތެކެވެ. جــامــــع أيّـــوب سـلطـــان ޢިމާރާތްކޮށްފައިވަނީ ހަތަރެސްކަނަށް ވާކަހަލަ ފަރުމާއަކަށެވެ. އެމިސްކިތަށް އެކިޒަމާނުގައި ހަދިޔާކުރެވުނު ފިލާތަކެއް މިސްކިތުގެ ތެރޭގައި ހުންނަކަމުގައިވެއެވެ.

جــامــــع أيّـــوب سـلطـــان އަކީ އިސްތަންބޫލުގެ އެންމެ ދުވަސްވީ އާސާރީ އެއްބިނާއެވެ. ޢުޘްމާނީ ތާރީޚާ ވަރަށްބޮޑަށް ގުޅުންހުރި މިސްކިތެކެވެ. ނަމަވެސް ހިތާމަޔާއެކު ދަންނަވާންޖެހެނީ އަޅުގަނޑަށް އެ މުހިންމު އާސާރީ މިސްކިތުގެ އެތެރެޔަށްވަދެ ބަލައިނުލެވޭ ވާހަކައެވެ. އެއްސަބަބަކީ އަޅުގަނޑުގެ މުޅި ސަމާލުކަން އެދުވަހު ޚާއްޞަވެފައިހުރީ أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ޒިޔާރަތަށް ކަމުގައިވުމެވެ. ކިޔޫއެއްގައި ހުރެގެންގޮސް އެޒިޔާރަތުގެ އެތެރެޔަށްވަދެ މަހާނަފުޅު ދެކެލުމުން ނިމުނީކަމުގައި ބެލެވުނުކަމެވެ. ޒިޔާރަތުގެ އެތެރެއިން ހުރަސްކުރިއިރުވެސް އަޅުގަނޑަށް އެންމެބޮޑަށް ސަމާލުކަންދެވުނީ އެމާތް ޞަޙާބީއަށް ސަލާމް ދަންނަވައި ހެޔޮދުޢާކޮށްލާނެ ޢިބާރަތަކާ މެދުގައެވެ. އެތެރޭގެ މަންޒަރު ހިތުގައި ކުރަހައިލުމާއި ދުޢާގެ ޢިބާރާތެއް ހިތުގައި ރާވާލުމާ ދެކަންތައް އެއްފަހަރާ ނުކުރެވުނެވެ. އެގޮތަށް ކިޔޫއެއްގައި ހުރެގެން ފުރޭނެމުންދާއިރު ވެއްޓިދާނެތީ ބިރުގަންނާތީއާ އެކުގައެވެ.

މި ޒިޔާރަތުގެ އެންމެ ޚާއްޞަކަމަކީ ތަނުގެ ހައިބަތެވެ. އެތެރެ ފުރިހަމަކޮށްފައިވާ ރީތިކަމެވެ. އެ ޒިޔާރަތް ޒީނަތްތެރިކޮށްފައިހުރީ الــقــاشــانــــى الخــضــــراء (Green Faience) އިންނެވެ.

سـلطـــان أحمــد (أوّل) އެތުރުބާ އާބާތުރަ ފިލުއްވައި ޒީނަތްތެރި ކުރެއްވިކަމުގައްޔާއި މުންނާރެއްވެސް ލެއްވިކަމުގައި ލިޔުންތަކުގައި ހުރެއެވެ. އެމަނިކުފާނުގެ ޚައިރާތުގެ ވާހަކަ ބިންވަޅުކަނޑައި ލިޔެފައިހުރެއެވެ. އެ ޒިޔާރަތުގެ ހަރިންމައިގެ ތެރޭގައި އިސްލާމީ ދުނިޔޭގެ ވަރަށްގިނަ މުހިންމު ޝަޚްޞިއްޔަތުންވެސް ފަސްދާނުލެވިފައިވެއެވެ. އޭގެތެރޭގައި ރަސްރަސްކަލުންނާއި ބޮޑުވަޒީރުންނާއި ރަސްރަސްކަލުންގެ މައިކަނބަލުންނާއި ތިމާގެފުޅު ބޭފުޅުންވެސް ހިމެނެއެވެ. ކުރީޒަމާނުގައި މި ތުރުބާއާ އިންވެގެން މަދަރުސާއެއްވެސް ޢިމާރާތްކޮށްފައިވާ ކަމުގައިވެއެވެ.

މި ޒިޔާރަތަކީ ކޮންމެދުވަހަކުވެސް އެތަކެއްހާސް ބަޔަކު ޒިޔާރަތްކުރާ ޒިޔާރަތެކެވެ. އެއްބަޔަކީ ޞަޙާބިއްޔަތުގެ ޝަރަފަށްޓަކައި ހިތުލޯބިން ހަމައެކަނި އެމަހާނަފުޅު ދެކެލަންދާ މީހުންނެވެ. އަނެއްބަޔަކަށް ތިޔަބޭފުޅުން ޚުރާފީންނޭ ނުވަތަ ވާހިޔާތަށް އީމާންވާ މީހުންނޭ ވިދާޅުވިކަމުގައިވިޔަސް އަޅުގަނޑު ކުރާނެކަމެއްނެތެވެ. އެކަން ދިފާޢުކުރެވޭކަށެއްނެތެވެ.

މިދެންނެވި ޒާއިރުންގެ ތެރޭގައި ޚިތާނުކުރަންގެނެވޭ ކުޑަކުދީންނާއި އުންމީދު ކެނޑިފައިވާ ބަލިމީހުން ހިމެނޭއިރު ކުޅިވަރު މުބާރާތްތަކަށް ތައްޔާރުވާ ޓީމުތަކުގެ ކުޅުންތެރީންވެސް ޓީމު މޮޅުވޭތޯ އާދެއެވެ. ކޮންމެއަކަސް މިބާވަތުގެ "ނިޔަތްތަކާއި އެދުންތައް" ހިތުގައި އޮތްކަމުގައިވިޔަސް އެއްވެސްކަހަލަ ނުރުހެވޭ މަންޒަރެއް ނުފެނެއެވެ. އިންޑިޔާ، ޕާކިސްތާނު، ބަންގްލާދޭޝްފަދަ ޤައުމުތަކުން ފެންނަކަހަލަ މަންޒަރުތަކެއް ނުފެނެއެވެ.

أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ޒިޔާރަތް ބަލައިލުމަށްފަހު އަޅުގަނޑުމެން ދިޔައީ ގޯލްޑަންހޯނުގެ އައްސޭރީގައިހުރި މަގަހަ (ޢަރަބިބަހުގެ މަޤްހާ ކޮޕީޝޮޕް ދިވެހިކޮށްފައި) އަކަށެވެ. އަޅުގަނޑުމެން އެތާނގެ ހިތްގައިމު މަންޒަރު ބަލާށާއި ތުރުކިޔޭގެ ސަޔާއި ކޮފީގެ މީރުކަން ލިބިގަންނަން އިރުގަނޑަކު ތިބީމުއެވެ. އަޅުގަނޑުމެންނަކަށް މަގަހައިގެ ބިލް ދައްކާކަށެއް ނުޖެހުނެވެ. އަޅުގަނޑުމެންގެ ގައިޑު ބުނީ އެއީ އޭނާ އަދާކުރި މެހްމާންދާރީއެއް ކަމުގައެވެ. އަޅުގަނޑުގެ ދަރިފުޅު ނުސައިބާ އެހިތްގައިމު މަންޒަރުގެ ވަރަށްގިނަ ފޮޓޯތައްވެސް ނެގިއެވެ. އެފޮޓޯތަކުގެ ތެރެއިން ވަރަށްގިނަ ފޮޓޯ މިހާރުވަނީ ކިޔުންތެރީން ބައްލަވައިލައްވާން މި ސިލްސިލާގައި ހިމަނައިފައެވެ.

(ނުނިމޭ)