ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފެރެންސް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާވައި އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފެރެންސް ކުރިއަށްދާނީ މިމަހުގެ 30 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން އިއްޔެ ބުނީ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ހިމެނޭ ކަމަށެވެ.
"ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފީ ތަރިކައާ ބެހޭ މަޢުލޫމާތު އަދި ވާހަކަ އާއި ހަބަރު އުފެއްދުމާ ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. އަދި މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެ ކަމަށް ދިިރާގުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ވެގެންދާނީ އެމްއެމްޕީއާރްސީގެ މިއަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށް ކަމަށްވެސް ދިރާގުން ބުނެއެވެ.