އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނާ ޕާކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެތަނުން ލިބޭ ހިދުމަތްތައް އިތުރުކުރުމުގެ ގޮތުން އެތަނުގައި ކޯ-ވޯކިން ސްޕޭސްއެއް ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އާބަންކޯ އިން ބުނީ އެކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ހުޅުމާލޭގައި ތަރައްގީކުރާ މި ކޯ-ވޯކިން ސްޕޭސް އަކީ އަލަށް ފަށައިގަންނަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެއް ކަމަށެވެ.
މި ކޯ-ވޯކިން ސްޕޭސްގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ނީޒާ އިމާދެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރެވެ.
އާބަންކޯ އިން ރެޑްވޭވް މެގަމޯލް ފަހަތުގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނާ ޕާކަކީ ރާއްޖެގައި ތަރައްގީކުރާ ފުރަތަމަ ކޮންޓެއިނާ ޕާކެވެ. އެތަނުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެތަނުގައި ހަދާ ކޯ-ވޯކިން ސްޕޭސްއަކީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ ތަނެވެ. ކޯ-ވޯކިން ސްޕޭސެއްގެ އިތުރުން މި ކޮންޓެއިނާ ޕާކުގައި ދެ ކެފޭ ހިންގުމަށް ނިންމައި އާބަންކޯ އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އާބަންކޯ އިން ބުނީ ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީސް ސްޕޭސްއެއް ހިންގުމުގެ ބުރަތަން އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަށް ވާއިރު، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުން ކަމަށެވެ.
ހުޅުމާލޭގައި ތަރައްގީކުރާ ކޮންޓެއިނާ ޕާކުގައި މިފަދަ ތަނެއް ހެދުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށްވެސް މަގުފަހިކުރުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު