އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭގެ ޓީޓީ ޓީމުން ޖުމުލަ އެކު 8 މެޑަލް ހޯދައިފިއެވެ.
މިފަހަރުގެ ސަރަހައްދީ ޖޫނިއާ ޓީޓީ މުބާރާތް، މި މަހުގެ 14-17 އަށް އިންޑިއާގެ އަރުނާޗަލް ސްޓޭޓުގެ އިޓާނަގަރުގައި އޮންނަ އިރު، ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލެވެ.
ރާއްޖެއިން މުބާރާތުގައި ޖުމްލަ 8 މެޑަލް ހޯދިއިރު އޭގެ ތެރޭގައި ހިމެނެނީ 2 ރިހި މެޑައްޔާއި ހ6 ލޯ މެޑައްޔެވެ. 8 މެޑަލްގެ ތެރެއިން ފަސް މެޑެއްޔަކީ ޑަބަލްސް އިވެންޓުތަކުން ހޯދި މެޑަލްތަކެވެ. އެއް މެޑަލް ސިންގަލްސް އިވެންޓުން ހޯދިއިރު، 2 މެޑަލް ލިބުނީ ޓީމް އިވެންޓުންނެވެ.
ރާއްޖެއަށް ރިހި މެޑަލް ލިބުނީ ޖޫނިއާ ބައިގެ މިކްސް ޑަބަލްސް އިވެންޓުންނާއި، ޖޫނިއާ ބައިގެން އަންހެން ޑަބަލްސް އިވެންޓުންނެވެ. މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދީ ފާތިމަތު ދީމާ އަލީ އާއި އަހްޔާރު އަހުމަދު ހާލިދެވެ. އަންހެން ޑަބަލްސް ރިހި މެޑަލް ހޯދީ ދީމާއާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާއެވެ.
ޑަބަލްސްއިން ބްރޯންޒް މެޑަލް ލިބުނު ޕެއާތަކަކީ ފިރިހެން ކުދިންގެ ޖޫނިއާ ކެޓަގަރީއާއި ކެޑޭޓް އަންހެން ޑަބަލްސް އަދި ކެޑޭޓް ފިރިހެން ޑަބަލްސްއެވެ. ޖޫނިއާ ފިރިހެން ޑަބަލްސް ބްރޯންޒް މެޑަލް ލިބުނީ އަހްޔާރާއި ތާބިން ސުޖާއުގެ ޕެއާއަށެވެ. ކެޑޭޓް ފިރިހެން ޑަބަލްސް ބްރޯންޒް ލިބުނީ އުމެއިރު މުހައްމަދު މުއިއްޒާއި އޯން އިބްރާހިމް ލަތީފުގެ ޕެއާއަށެވެ. ކެޑޭޓް ބައިގެ އަންހެން ޑަބަލްސް ބްރޯންޒް މެޑަލް ލިބުނީ މިޝްކާއާއި އައިޝަތު ޒާރާ ސާހިލްގެ ޕެއާއަށެވެ.
މުބާރާތުގެ ސިންގަލްސް އިވެންޓަކުން ރާއްޖެއަށް މެޑަލް މިފަހަރު ހޯދައިދިނީ ހަމައެކަނި ދީމާއެވެ. ދީމާވަނީ ޖޫނިއާ ބައިގެ ސިންގަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ. ޖޫނިއާ ފިރިހެން ޓީމާއި، ޖޫނިއާ އަންހެން ޓީމުންވަނީ މިފަހަރުގެ މުބާރާތުގެ ޓީމް އިވެންޓުންވެސް ބްރޯންޒް މެޑަލް ހޯދާފައެވެ.