ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރަކު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ، އީވާ މަޖިލީހުގެ ނާއިބު ރައީސް ކަމުން ވަކިކުރަން ފާސްކުރީ މިއަދު ބޭއްވި އެ ގްރޫޕުގެ ބައްދަލުވުމެއްގައި ކަމަށެވެ. ވަކި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނަނީ، މަޖިލީހުގެ ނައިބު ރައީސް ވަކިކުރެވޭނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި އެކަމަށް ވޯޓު ދެއްވާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

އީވާ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރަން އެމްޑީޕީން ނިންމާފައި މިވަނީ، މަޖިލީހުގެ އިތުރު 11 މެންބަރުންނާއެކު އީވާ އިއްޔެ އެޕާޓީން ވަކިވެފައިވަނިކޮށެވެ.