އެމްޑީޕީން މެންބަރުން ވަކިވާނެ ކަމަށާއި އެކަމަކު ވަކިވާ އަދަދަށްވުރެ ގިނައިން އެމްޑީޕީއަށް ވަންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ޕާޓީގެ ރައީސް, ރައީސް ނަޝީދާއި ސަޕޯޓަރުންގެ ތެރެއިން ވަރުގަދަ ބޭފުޅުން ޕާޓީން ވަކިވެގެން ދިއުމުން އެމްޑީޕީއަށް އޭގެ އަސަރެއް ކުރާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ޕާޓީގެ ކުރިއެރުމަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

''ދިވެހި ރައްޔިތުން އެމްޑީޕީ ބަލައިގެންފައިވަނީ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި, ރާއްޖެއަށް ބަދަލުތަކެއް ގެންނަ ޕާޓީއެއްގެ ގޮތުގައި, ވަކި މީހަކަށް ކޮންމެހެން ބަރޯސާ ވެގެންނެއް ނޫން. އެހެނެއްނޫން އަބަދުވެސް ވަރުގަދަ ލީޑަރުން ތިބޭކަމަށްވާ ނަމަ އެ ލީޑަރުންނާ ދޭތެރޭގައި ރައްޔިތުންގެ ރުހުމާ ކަންކަން އޮންނާނެ. އެކަންކަން ބަދަލުވަމުން މިދަނީ. މާދަމާ މިތަނުގައި ތިބޭނީ އެހެން ބައެއް."

"މީގަ އެންމެ ރަނގަޅު ގޮތަކީ ބަދަލާއެކު ބަދަލުވާން ދަސްކުރުން. ބަދަލާއެކު ފަހަތަށް ޖެހެން ދަސްކުރުން،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ''ފިކުރެއްގެ ދިރުން"ގެ ނަމުގައި ހަދާ ޕާޓީ އާއެކު ރަނގަޅު އަދަދެއްގެ މެންބަރުން އެމްޑީޕީން ވަކިވާނެ ކަމަށާއި ނަމަވެސް އެއީ އެމްޑީޕީ އާއެކު ތިބޭނެ ކަމަށް ޖަހަމުން އައި ހިސާބުގައި ހިމެނޭ ނަންބަރެއް ނޫން ކަމަށެވެ.

އަދި މިހާރު ކުރަމުން އަންނަ މަސައްކަތުން ބައިވަރު މެންބަރުންތަކެއް ޕާޓީއަށް ވައްދަމުންދާތީ، މެންބަރުންގެ ނަންބަރަކަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ވަކިވެގެންދާ ނަންބަރަށްވުރެ އިތުރު ނަންބަރު ހޯދޭނެ ކަމަށް ވިދާޅުވިއެވެ.